21 Feb 2011, 13:54
ކައުންސިލަރުން ހުވާ ކުރެއްވުމުން، ކަތީބުންގެ މަގާމު އުވި، ޕްރޮވިންސް އޮފީސްތައް ގައުމީ އިދާރާތަކަށް ބަދަލުވެގެންދާނެ ކަމަށް ހޯމް މިނިސްޓަރު ހަސަން އަފީފު ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލަރުން ހުވައި ކުރުމުގެ ރަސްމިއްޔާތާ ބެހޭ މައުލޫމާތު މީޑިޔާ އަށް ދެއްވަމުން ހޯމް މިނިސްޓަރު ހަސަން އަފީފު މިއަދު ވިދާޅުވީ، ކައުންސިލަރުން ހުވައިކުރެއްވުމަށް ފަހު އުވިގެންދާ ކަތީބުންގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ މެދު ގޮތެއް ހަމަޖައްސާނީ ސިވިލްސާވިސް ކޮމިޝަނުން ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތަށް ރަށު އޮފީސް އިމާރާތް ރަށު ކައުންސިލް އިދާރާ އަށް، އަތޮޅު އޮފީސް ހިންގި އިމާރާތް އަތޮޅު ކައުންސިލް އިދާރާ އަށް ގާނޫނުގައި ބުނެފައިވާ ގޮތަށް ބަދަލުވެގެންދާނެ ކަމަށް ވެސް އަފީފު ވިދާޅުވި އެވެ.
"ކައުންސިލަރުން ހުވައި ކުރެއްވުމަށް ފަހު ކަތީބުންގެ މަގާމު އުވިގެންދާނެ. ދެން އެ މަގާމުގައި ތިބި މީހުންނަށް ގޮތެއް ހަމަޖައްސާނީ ސިވިލްސާވިސް ކޮމިޝަނުން. އެމީހުން އިދާރީ ބަޔަކަށް ވެސް ބަދަލުވެދާނެ. ކައުންސިލް އޮފީސްތަކުގައި މަދުވާ އިދާރީ މަގާމުތަކަށް އެފަދަ ބޭފުޅުން ބަދަލު ކުރުމާއި މަގާމުތައް އިތުރުވާ އޮފީސްތަކާ މެދު ކަންކުރާނެ ގޮތެއް ހަމަޖައްސާނީ ސިވިލްސާވިސް ކޮމިޝަނުން. ކަތީބުންގެ މަގާމެއް ނޯންނާނެ. ގާނޫނުގައި ވެސް ބުނަނީ އެމަގާމު އުވޭނެ ކަމަށް،" އަފީފު ވިދާޅުވި އެވެ.
އަފީފު ވިދާޅުވީ އުޒުރެއް މެދުވެރިވެގެން، ހުވައި ކުރުމުގެ ދަރުބާރަށް ހާޒިރު ނުވެވޭ ކައުންސިލަރެއް ފިޔަވައި ހުރިހާ ކައުންސިލަރުން ހުވާ ކުރުން ހޮނިހިރު ދުވަހު ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ހުވާ ކުރުން ކުރިއަށް ގެންދެވޭ ވަރަށް ފަނޑިޔާރުން ނެތުމުން ހުވައި ކުރުމުގެ ކަންތައް އެ ދުވަހު ކުރިއަށް ގެންދާނީ ދެބުރަކަށް ބަހާލައިގެން ކަމަށް ވެސް އަފީފު ވިދާޅުވި އެވެ. އަދި ކައުންސިލަރުން ހުވައި ކުރުމަށް ފަހު ގަޑިއެއްހާއިރުގެ ތެރޭގައި ކައުންސިލްތަކުގެ ފުރަތަމަ ބައްދަލުވުން ބާއްވައި ކައުންސިލްތަކުގެ ރައީސާއި ނާއިބު ރައީސް ހޮވާނެ ކަމަށް ވެސް އަފީފު ވިދާޅުވި އެވެ.
"ކައުންސިލަރުން ހުވައި ކުރުމުގެ ރަސްމިއްޔާތަށް ފަހު ކޮންމެ ކައުންސިލެއްގެ ފުރަތަމަ ބައްދަލުވުން ބާއްވައި ރައީސާއި ނާއިބު ރައީސް ހޮވުމަށް ވަނީ ހަމަޖެހިފައި. އެ ބައްދަލުވުމުގައި ރައީސް ހޮވަންދެން ރިޔާސަތު ބަލަހައްޓަ ވާނީ އެތަނެއްގައި ހުންނަ ޒިންމާދާރު އިސްވެރިޔާ. ނަމަވެސް އަލުން އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ދާއިރާތަކުގައި، ދެ ފަރާތަށް އެއްވަރަށް މެންބަރުން ތިބި ނަމަ ރައީސާއި ނާއިބު ރައީސް ހޮވުން އިންތިހާބު ނިމެންދެން މަޑުކުރާނެ. ނަމަވެސް އެ ދާއިރާތަކުގައި ވަގުތީ އިސްވެރިއެއްގެ ގޮތުގައި ކައުންސިލަރަކު ހަމަޖައްސާނެ" އަފީފު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ލޯކަލްގަވަރުމަންޓް އޮތޯރިޓީގެ އިސްވެރިއެއްގެ ގޮތުގައި ވެސް ހުންނެވި އަފީފު ވިދާޅުވީ ހުވައި ކުރުމަށް ފަހު ކައުންސިލްތަކުގެ މަސައްކަތް ފެށޭ ވަރަށް ކަންތައްތައް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުން މަސައްކަތް ފެށި ނަމަވެސް ކައުންސިލްގެ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ބަލައި ހަމަޖައްސަން ޖެހޭ ކަންތައްތައް ހަމަސައްސައި ދެއްވާނެ ކަމަށެވެ. އަދި ކައުންސިލަރުން ތަމްރީން ކުރުމަށް ސަރަހައްދުތައް ބަހާލައިގެން އޮރިއެންޓޭޝަން ޕްރޮގްރާމްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށް ވެސް އަފީފު ވިދާޅުވި އެވެ.