12 Apr 2010, 10:33
ލ. އަތޮޅުގައި ދޯންޏަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓްގައި ކަނޑަށް ވެއްޓި ގެއްލުނު މީހާ މަރުވެފައި އޮއްވާ ކަނޑުއަޑިން ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ 7:30 ހާއިރު އެ ހާދިސާ ހިނގިއިރު ދޯނި ދުއްވަން ހުންގާނުގައި ހުރި ލ. ހިތަދޫ، ކުދިލުނބޯމާގޭ، އުމުރުން 35 އަހަރުގެ އިބްރާހިމް ޝަރީފްގެ ހަށިގަނޑު މިއަދު މެންދުރު 12 ޖަހަން އުޅެނިކޮށް ފެނިފައި ވަނީ އެ އަތޮޅު އޮޅުވެލި ފަރުގެ އިރުއުތުރު ފަރާތު ބޭރުން ގާތްގަނޑަކަށް 45 މީޓަރު އަނޑީގައި އޮއްވާ ކަމަށެވެ. އޭނާ ފެނުނީ އެ ސަރަހައްދުގައި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ސަފާރީއެއްގެ ޑައިވަރުންގެ ޓީމަށް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ރޭގެ އެކްސިޑެންޓް ހިނގީ ލ. ކައްދޫން ފުރައިގެން، އެ އަތޮޅުގައި ހަދަމުންދާ ރިސޯޓެއް ކަމަށްވާ އޮޅުވެއްޔަށް ދަތުރުކުރި ލޯންޗެއް އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ދޯންޏެއްގެ ފަހަތުގައި ޖެހިގެން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އަދި އެ އެކްސިޑެންޓް ހިނގި ވަގުތު ދޯނީގެ ފަހަތުގެ ހުރީ ޝަރީފް ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
މި ހާދިސާގައި އެ ދޯނިން ދަތުރުކުރި ތިން މީހުން ވެސް ވަނީ ކަނޑަށް ވެއްޓިފަ އެވެ. ނަމަވެސް އެމީހުން ހަޅޭއްލަވާ އަޑަށް އެލޯންޗު އެނބުރި ގޮސް އެތަނުން ދެ މީހަކު ލޯންޗަށް އަރުވާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.