31 Mar 2015, 17:51
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ބަންދުގައި ބަހައްޓާތީ ޕާލަމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން (ޕީޖީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ހަތަރު ދުވަހު ފުލުހުންގެ ބަންދުގައި ދޫނިދޫގައި ބެހެއްޓުމަށްފަހު، މަހުލޫފު ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. އޭނާ ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ފަސް ދުވަހަށެވެ.
އެކި ގައުމުތަކުގެ ޕާލަމެންޓޭރިއަނުން ބައިވެރިވާ އެޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަހުލޫފު ބަންދުގައި ބަހައްޓާފައި ހުންނެވީ އޭނާގެ މައްޗަށް ދައުވާ އެއް ނުއުފުލާ ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ބާރުދޭނެ ދައުވާ އެއް ނެތް ހިނދު އޭނާ ދޫކޮށްލުމަށް ގޮވާލާ ކަމަށް ވެސް ބުނެފައި ވެއެވެ.
"...މަހުލޫފާ ދެކޮޅަށް މިހާރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް، ނައްތާލައި އޭނާ ގޭބަންދުން ދޫކޮށްލުމަށް ޕީޖީއޭއިން ގޮވައިލަމެވެ. އެއީ އޭނާއާއި ދެކޮޅަށް އެފަދަ ފިޔަވަޅު އަޅަން ޖެހޭކަން ސާބިތު ކުރުމަށް އެއްވެސް ދައުވާއެއް އުފުލާފައި ނުވާތީއެވެ." ބަޔާނުގައި ވެއެވެ.
މިނިވަންކަމާއެކު ހިޔާލުފާޅު ކުރުމުގެ ހައްގާއި ޕާލަމެންޓޭރިއަނަކަށް ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ޕީޖީއޭއަށް އެބަ އޮތް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.