ކ. ގުރައިދޫ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް 12.7 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު ހަލީމެވެ.

ބަނދަރުގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރަންޖެހޭ މައިގަނޑު މަސައްކަތަކީ 46 މީޓަރުގެ ކީ ވޯލް ސްޓްރަކްޗާ އަކާއި 170 މީޓަރު ބްރޭކްވޯޓާއެއް ގާއިމުކުރުމެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ 3 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

" ގުރައިދޫ ބަނދަރުގެ މަސައްކަތަކީ ބަޖެޓްގެ ތެރެއިން ހިމެނިގެން މިހާރު ބޮޑު ބަޔެއް ނިމެމުންދާ މަޝްރޫއެއް. އެ މަޝްރޫއަށް އަޅުގަނޑުމެން ދެވަނަ ފިޔަވައްސެއްގެ ގޮތުގައި ކޮންމެހެން ބޭނުންވާ ބައިތަކެއް އިތުރުކުރާ ގޮތަށް ނިންމާ ސަރުކާރުގެ ބަޖެޓްގެ ތެރޭގައި ހިމަނާއިގެން މި މަސައްކަތް މި ހަވާލުކުރީ" މުއިއްޒު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައު ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އަބްދުއް ރައްޒާގު ހަލީމު ވިދާޅުވީ އެމްޓީސީސީއަށް އިތުބާރުކޮށް އެ ޕްރޮޖެކްޓް ހަވާލުކުރީތީ އުފާ ކުރައްވާ ކަމަށާއި އަދި ނިންމަންޖެހޭ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމަށެވެ.

ހައުސިންގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވެސް ބައިވެރިވަޑައިގެންނެވިއެވެ.