ރާއްޖޭގެ ވިޔަފާރިތައް ހިމާޔަތްކޮށް، ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމާ ބެހޭ އެއްބަސްވުމެއްގައި އިކޮނޮމިކް މިނިސްޓްރީއާ އެކު ފުލުހުން ސޮއިކޮށްފި އެވެ.

ޝަހީދު ހުސެއިން އާދަމް ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކޮށްފައިވަނީ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު އެވެ. އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ މިއަދު ފުލުހުންނާ އެކު ސޮއިކުރެވުނު މި އެމްއޯޔޫގެ ސަބަބުން ރާއްޖޭގައި ގަވާއިދާ ހިލާފަށް ކުރިއަށް ގެންދާވިޔަފާރިތައް އިންސްޕެކްޓް ކުރުމަށް މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތުގައި ފުލުހުންގެ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

" ވަރަށް ގިނަ ގާނޫނުތަކެއް ހެދި ގަވާއިދުތަކެއް ހެދި ވިޔަފާރިތައް އިންސްޕެކްޓް ކުރުމަށް މިނިސްޓްރީން ވަރަށް ގިނަ މަސައްކަތްތަކެއް އެބަކުރޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ބިޒްނަސް ރެޖިސްޓްރޭޝަންގެެ ގާނޫނު އައުމާ އެކު ތަފާތު ވިޔަފާރިތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރިއަށްވުރެ އިތުރުވެފައިވާ ކަމަށެވެ. ހުއްދަ ނުނަގައި ބޭރުގެ ފަރާތްތަކުން ކުރަމުން ގެންދާ ވިޔަފާރިތައް އިންސްޕެކްޓް ކުރުމަށް މިނިސްޓްރީން ކުރިއަށް ގެންދިޔަ މަސައްކަތުގެ ދަށުން ވަރަށް ބޮޑު ބައެއް ހުއްޓުވާފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހުސެއިން ވަހީދު ވިދާޅުވީ، ފުލުހުންގެ އަމާޒަކަށް ވާނީ ގަވައިދާ އެއްގޮތް ނޫން ގޮތަށް ކުރަމުން ގެންދާ ވިޔަފާރިތައް އިންސްޕެކްޓް ކުރުމަށް މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

"މިފަަދަ އެމްއޯޔޫއެއްގެ ސަަބަބުން އަޅުގަނޑުމެން މިބަލަނީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ވެއްޓަށް ހެޔޮބަދަލުތަކެއް އަންނާނެ ކަމަށް. ވިޔަފާރީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިނިސްޓްރީން މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާ އެއްބާރުލުންދީ އެފަރާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާ ތަމްރީނާއިި ތައުލީމްގެ ފުރުސަތުތައް ލިބިގެންދާނެ،" ކޮމިޝަނަރު ވިދާޅުވި އެވެ.

ވިޔަފާރި ކުންފުނީގެ ގޮތުގައި ގާތްގަނޑަކަށް 11،000 ކުންފުނި އާއްމު ފަރުދުންގެ ވިޔަފާރީގެ ގޮތުގައި 3000 އަށް ވުރެ ގިނަ ވިޔަފާރި، ޕާޓްނާޝިޕްގެ ގޮތުގައި 200 ވިޔަފާރި އަދި ކޯޕަރޭޓިވް ސޮސައިޓީގެ ގޮތުގައި 20 ވިޔަފާރިއެއް އިކޮނަމިކް މިނިސްޓްރީގައި ވަނީ ރަޖިސްޓްރީކޮށްފައެވެ.