އޭޝިއާގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ ހަތަރު ދިވެއްސަކު ސްރީލަންކާ އިން ހައްޔަރުކޮށްފި އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ އެ މީހުން ހައްޔަރުކޮށްފައި ވަނީ ސްރީލަންކާގެ ޕޮލިސް ނާކޮޓިސް ބިއުރޯއާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ މައްސަލާގައި ފުރަތަމަ ހައްޔަރު ކުރީ 25 އަހަރުގެ މީހެއް ކަމަށާއި އޭނާއާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު އޭގެފަހުން ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭގެފަހުން އެ މައްސަލާގައި އަންހެނަކު ހައްޔަރު ކުރި ކަމަށާއި ނަމަވެސް އޭނާގެ އަތުން ފެނުނީ 100 ގްރާމް ކެނަބިސް ކަމަށްވެފައި، އެއީ ލަންކާގައި ގެންގުޅުން މަނާއެއްޗަކަށް ނުވާތީ އަންހެން މީހާ ދޫކޮށްލާފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ ހައްޔަރު ކުރި ތިން ފިރިހެނުންގެ އަތުން 165 ގްރާމްގެ ހެރޮއިން އާއި 125،000 ލަންކާ ރުޕީސް އާއި 10،000 އެމެރިކާ ޑޮލަރު ފެނިފައިވާ ކަމަށެވެ.

އެމީހުންނަކީ ޕާކިސްތާނާއި ތައިލެންޑާއި ހޮންކޮންގް އަދި އިންޑިއާ ގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައެއް ކަމަށާއި އެ މައްސަލާގައި ހިމެނޭ 25 އަހަރުގެ މީހާ 2012 ވަނަ އަހަރުގެ ފަހުން ތަފާތު ނަންނަމުގައި އެކި އެކި ޕާސްޕޯޓު ބޭނުންކޮށްގެން އެ ގައުމުތަކަށް ދަތުރުކޮށްފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމީހުން މަސްތުވާތަކެތީގެ ނެޓުވޯކު ހިންގަނީ ލަންކާގެ ބަޔަކާ ގުޅިގެން ކަމަށާއި އެ މައްސަލާގައި ލަންކާގެ ބަޔަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.