ކުޑަކުދިންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމާ ކުޅިވަރާ ގުޅުވުމާ ބެހޭ ތަމްރީނެއް ކުޑަކުދިންގެ ހިޔާގެ މުވައްޒަފުންނަށް ދީފިއެވެ.

އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން ( އާކް)އާއި ޗައިނާ އެމްބަސީ ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފެށި އެ ޕްރޮގްރާމްގައި ތަމްރީނުކޮށްދީފައި ވަނީ ކުޑަކުދިންގެ ހިޔާގެ 15 މުވައްޒަފެކެވެ.

ތަމްރީނު ފުރިހަމަ ކުރި މުވައްޒަފުންނަށް މިއަދު ސެޓްފިކެޓް ދިނީ ޕްރޮގްރާމް ނިމުން ފާހަގަ ކުރުމަށް ޗައިނާ އެމްބަސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ސެޓްފިކެޓްތައް ބައްސަވައި ދެއްވީ ޗައިނާ ސަފީރު ވާންފޫކާންއެވެ.

ދެ ބެޗަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ތަމްރީނުގެ ތިއަރީ ބައި ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހުއެވެ. އަދި އޭގެ ފަހުން ޖުލައިމަހުން ފެށިގެން ޑިސެމްބަރު މަހާ ހަމައަށް ކުރިއަށް ގެންދިޔައީ ދަސްކޮށްދިން ހުނަރުތައް އަމަލީ ގޮތުން ބޭނުން ކުރުމުގެ ބައެވެ. ޕްރޮގްރާމްގެ ނިންމުން މިއަދު ފާހަގަ ކުރި ނަމަވެސް އެޕްރޮގްރާމް ނިންމާލާފައި ވަނީ މިދިޔަ ޑިސެމްބަރުމަހު ކަމަށް އާކް އިން މިއަދު ބުންޏެވެ.

ތަމްރީނުގެ ބޭނުމަކީ ކުދިންގެ އާއްމު ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް ކުޅިވަރުގެ ބައިތައް ހިމަނާނޭ ގޮތްތައް މުވައްޒަފުންނަށް ދަސްކޮށްދިނުން ކަމަށް ވެސް އެޖަމިއްޔާއިން ބުންޏެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޫކާން ވިދާޅުވީ ކުޑަކުދިންނަކީ ގައުމެއްގެ އުއްމީދު ކަމަށެވެ. އަދި ޅައުމުރުގައި އެކުދިންނަށް ތައުލީމު ދިނުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

"...އަޅުގަނޑުމެން އެކުދިންނަށް އަޅައިލަން ޖެހޭނެ އަދި އެކުދިންގެ ޅައުމުރުގައި ތައުލީމު ދޭންވާނެ. އެއީ އެކުދިން ބާރުވެރިކުރުވައި، ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް ލިބިދީ، މުޖުތަމައުގައި ސުލްހަވެރިކަމާއި އެކު ދިރިއުޅުވުމަށް ހާނުވަން ޖެހޭނެ،" ފޫކާން ވިދާޅުވިއެވެ.

ކުޑަކުދިންގެ ޅައުމުރުގައި ކުދިންނަށް އަޅައިލުމަށް، ކުޑަކުދިންގެ ހިޔާގެ މުވައްޒަފުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމްގެ އިތުރުން އާކްއާއި ޗައިނާ އެމްބަސީ ގުޅިގެން އުފައްދާފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ވިއުގައިގެ މަސައްކަތް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

" ކޭން ޑޫ" ގެ ނަމުގައި އުފައްދާފައިވާ އެ ވިއުގައިން ނުކުޅެދުންތެރިކަން ހުރި ކުދިންގެ ހައްގުތައް ލިބިދިނުމަށް ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ފޫކާން ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާކްގެ މެނޭޖިން ޑައިރެކްޓަރު ހައުލާ އަހުމަދު ދީދީ ޗައިނާ އެމްބަސީއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުޑަކުދިންގެ ދިރިއުޅުމާއި ކުޅިވަރާއި އޮންނަ ގުޅުމުގެ މުހިއްމުކަން އޭނާ ފާހަގަ ކުރެއްވިއެވެ.