ކޮލަންބިއާގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ، އާނޮލްޑޯ އިގުއަރެންގެ ލަނޑުގެ އަދަދުގެ ރިކޯޑާ ރަޑަމެލް ފަލްކާއޯ ހަމަހަމަ ކޮށްފި އެވެ.

އާނޮލްޑޯގެ ލަނޑުގެ ރެކޯޑާ ފަލްކާއޯ ހަމަހަމަ ކުރީ ކުވައިތާ ދެކޮޅަށް ކޮލަންބިއާ ކުޅުުނު ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި، ކޮލަންބިއާއަށް ލިބުނުު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެނެވެ. އެ މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ކޮލަންބިއާ އެވެ.

އޭގެ ކުރިން ބުރާސްފަތި ދުވަހު ބަހުރައިން އަތުން 6-0 ނަތީޖާއަކުން މޮޅުވި މެޗުގައިވެސް ފަލްކާއޯ ވަނީ ކޮލަންބިއާއަށް ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި ކުވެއިތު މެޗުގައި ކާމިޔާބު ކުރި ލަނޑާއެކު، މެންޗެސްޓާ ޔުނައިޓެޑަށް މިހާރު ލޯން ކުޅުންތެރިއެއްގެ ގޮތުގައި ކުޅެމުން އަންނަ ފަލްކާއޯ ވަނީ ގައުމީ ޓީމަށް މިހާތަނަށް މުޅިއެކު 24 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މުޅިއެކު 24 ލަނޑާއެކު މީގެ ކުރިން ކޮލަންބިއާގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކުރި ކުުޅުންތެރިޔާގެ މަގާމް ހޯދި އާނޮލްޑޯ އެ ރިކޯޑު ހަދާފައި ވަނީ 1979 އިން 1993 އަށް ކޮލަންބިއާގެ ގައުމީ ޓީމަށް އޭނާ ކުޅެދިން 68 މެޗުގަ އެވެ. ނަމަވެސް ފަލްކާއޯ އޭނާގެ ރިކޯޑާ ހަމަހަމަ ކޮށްފައި ވަނީ 2007 ވަނަ އަހަރުން ފެށިގެން މިހާތަަނަށް އޭނާ ކޮލަންބިއާގެ ގައުމީ ޓީމަށް ކުޅެދިން 56 މެޗުގައެވެ.

ކޮލަންބިއާގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިން ކުޅުންތެރިޔާގެ ރިކޯޑާ ފަލްކާއޯ ހަމަހަމަ ކުރި ނަމަވެސް، މި ސީޒަންގައި ޔުނައިޓަޑަށް ކުޅެދިން 22 މެޗުގެ ތެރޭ އޭނާއަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ހަތަރު ލަނޑެވެ. އަދި ޔުނައިޓެޑާއެކު ވެފައިވާ ލޯން ކޮންޓްރެކްޓް މި ސީޒަން ނިމުމުން ހަމަވާއިރު، ޔުނައިޓެޑުން އޭނާއަށް ދާއިމީ ކޮންޓްރެކްޓެއް ދޭނެ ކަމާމެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.