ޓްރިޕޮލީ : ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ދިގުލީ ޚުދުމުޚްތާރު ވެރިކަމުގެ ދިފާޢުގައި އޭނާގެ ދޮށީ ފިރިހެން ދަރިކަލުން ސައިފުލްއިސްލާމް ޤައްޒާފީ ވާހަކަ ދައްކަވައިފިއެވެ.

ޤައްޒާފީގެ ވެރިކަން ވައްޓާލުމަށް ގޮވާލާ މުޒާހަރާކުރި ލީބިޔާގެ އެތަށްހާސް ރައްޔިތުންނާ ދެކޮޅަށް އެފްރިކާގެ ކުލީ ސިފައިން ބޭނުންކޮށްގެން ޤައްޒާފީގެ ސަރުކާރުން 300 އެއްހާމީހުން މަރާލައި 900 އެއްހާމީހުން ޒަޚަމްކޮށްލި ބިރުވެރި ޤަތްލުޢާންމަށްފަހު ލީބިޔާގެ ޓީވީން ދެއްވި ޚިތާބެއްގައި ސައިފުލްއިސްލާމް ވިދާޅުވީ އޭނާގެ ބައްޕަގެ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއް ކަމަށާއި މިވެރިކަން ދިފާޢުކުރުމަށްޓަކައި އެންމެ ފަހު މީހާއާޖެހެންދެން ހަނގުރާމަކުރާނެ ކަމުގައެވެ.

ޤައްޒާފީގެ ޚުދުމުޚްތާރު ވެރިކަމާ ދެކޮޅަށް ލީބިޔާގެ ރައްޔިތުން އުތުރިއަރާއެރުން ސައިފުލްއިސްލާމް ސިފަކުރައްވާފައިވަނީ ބޭރުގެ ރޭވުމެއްގެ ދަށުން ގޭންގް ގުރޫޕްތަކަކުން ހިންގާ ބަޣާވާތެއްގެ ގޮތުގައެވެ. ޤައްޒާފީގެ ވެރިކަން ވެއްޓިއްޖެނަމަ ލީބިޔާގައި އުފެދޭނީ ހުޅަނގު ބޭނުންނުވާބާވަތުގެ އިސްލާމީ ހަރުކަށި ޚިޔާލުގެ ވެރިކަމެއް ނޫނީ ޑްރަގް ވިޔަފާރީގެ ގޭންގެތަކެއް ކަމަށް ވިދާޅުވެ ސައިފުލްއިސްލާމް ހުޅަނގަށްވެސް ބިރުދެއްކެވިއެވެ. ހުޅަނގުންވަނީ ލީބިޔާގެ ތެލުގެ އިންޑަސްޓްރީގައިވާ ހުޅަނގުގެ މަސްލަޙަތު ޙިމާޔަތް ކުރުމަށްޓަކައި ގައްޒާފީގެ އަނިޔާވެރި ޢަމަލުތަކަށް ބީރުކަންފަތެއް ދީފައެވެ.

ސައިފުލްއިސްލާމްގެ ޚިތާބުގައި އޭނާގެ ބައްޕަގެ ނިޒާމާއެކު ވާހަކަ ދެއްކުމަށް މުޒާހަރާކުރާ ލީބިޔާގެ ރައްޔިތުންނަށް ގޮވާލައްވިއެވެ. އަދި ބައްޕަގެ ވެރިކަމުގެ ދިފާޢުގައި ލީބިޔާގެ އެތަށް ހާސްބަޔަކު ނުކުންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ޤައްޒާފީގެ ނިޒާމުން ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޢަމަލުތައް ހާމަކުރާ އަލްޖަޒީރާއާއި ޢަރަބިއްޔާފަދަ ޢަރަބި ޓީވީ ނެޓްވާރކްތަކަށްވެސް ސައިފުލްއިސްލާމް ބަހުގެ ވަރުގަދަ ޙަމަލާތަކެއް ދެއްވިއެވެ. ނަމަވެސް ސައިފުލްއިސްލާމްގެ ޚިތާބަށް ފަހު އެޚިތާބާ ދެކޮޅަށް ވެރިރަށް ޓްރިޕޮލީގައި ލީބިޔާގެ ރައްޔިތުން އަޑުއުފުލާން ފަށާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މުޒާހަރާކުރާ މީހުން ބުނަނީ ޤައްޒާފީ ބޭނުންވަނީ ސައިފުލްއިސްލާމަށް ލީބިޔާގެ ވެރިކަން ވާރުތަ ކުރުން ކަމަށާއި ސައިފުލްއިސްލާމަކީ ޤައްޒާފީގެ ޚުދުމުޚްތާރު ނިޒާމުގެ އެއްބައި ކަމުގައެވެ. ޤައްޒާފީއާއެކު ސައިފުލްއިސްލާމްވެސް ޤައުމުން ބޭރުކޮށްލެވޭނެ ކަމަށާއި ޤައްޒާފީއާއި ޤައްޒާފީގެ ޢާއިލާއަށްވެސް ދެން ލީބިޔާގައި ޖާގަނޯންނާނެ ކަމަށާއި ޤައްޒާފީގެ ނިޒާމަށް ޙީލަތާއި މަކަރުހަދައިގެން ދެން ރައްޔިތުންނަށް އޮޅުވާނުލެވޭނެ ކަމަށް މުޒާހަރާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގައި ޙަރަކާތްތެރިވާލީބިޔާގެ ސިޔާސީ އެކްޓިވިސްޓެއް ކަމަށްވާ ވަލީދުލްޤުމާތީ ވިދާޅުވީ މިއީ ޤައްޒާފީގެ ވެރިކަން ވެއްޓުމުގެ ކުރިން ގައްޒާފީގެ ސަރުކާރުންދޭނެ އެންމެ ފަހުގެ ޚިތާބު ކަމަށާއި މިޚިތާބަކީ ތަންކޮޅެއްކުރިން ރެކޯޑް ކުރެވިފައިވާ ޚިތާބެއް ކަމުގައެވެ. އޭނާ ވިދާޅުވީ ލީބިޔާގެ ސިފައިންގެ ލަޝްކަރުތައް ޤައްޒާފީ ދޫކޮށްލުމަށްފަހު މިހާރުތިބީ ރައްޔިތުންގެ ފަހަތުގައި ކަމަށާއި ގައްޒާފީ ޙިމާޔަތްކުރަނީ އެފްރިކާގެ ޤައުމުތަކުން ގެނަސްފައިތިބި ކުލީސިފައިންގެ ޚާއްސަ ލަޝްކަރަކުން ކަމުގައެވެ.

ރައްޔިތުންގެ ކޮޅަށް ޖެހިފައިވާ ލީބިޔާގެ ސިފައިންގެ ޔުނިޓްތައް ވަރަށް އަވަހަށް ގައްޒާފީ ވަށާލައި އޭނާ ޙިސާރުކުރާނެ ކަމަށާއި ލީބިޔާގެ ރައްޔިތުން ދެން އެންމެ ފުރްސަތެއްވެސް ޤައްޒާފީއަށް ނުދޭނެ ކަމަށް އަލްޤުމާތީ ވިދާޅުވިއެވެ.
ލީބިޔާގެ އިދިކޮޅު ބޭފުޅެއް ކަމަށްވާ ސަލާޙް އައްސިލްވީ ވިދާޅުވީ ސައިފުލްއިސްލާމުލްޤައްޒާފީ އޭނާގެ ބައްޕަގެ ފަރާތުން އެދެއްވި ޚިތާބަކީ ތޫނިސްގެ ބިންޢަލީއާއި މިސްރުގެ ޙުސްނީ މުބާރަކް ވެއްޓުމުގެ ކުރިން އެދެބޭފުޅުން ދެއްވިފަދަ މާޔޫސީޚިތާބެއް ކަމުގައެވެ.(އަލްޖަޒީރާ)