އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް ބުނެ ސިޔާސީ އިދިކޮޅު ފަރާތްތަކުން އަންނަނީ ރާއްޖޭގެ އަމާންކަން ކިލަނބުކޮށް ދިވެހި ލޮބުވެތި ރައްޔިތުންގެ ހިތްތަކުގައި ފިތުނައާއި ރުޅިވެރިކަން އުފެއްދުމަށް މަސައްކަތް ކުރަމުން ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ޑިވެލޮޕްމަންޓު އެލައެންސް (އެމްޑީއޭ) އިން ބުނެފި އެވެ.

އެމްޑީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތަކުގައި އަނިޔާވެރިކަމާއި ހަމަނުޖެހުން އުފެދުމަށް މަގުފަހިވާ ގޮތަށް ގޮވާލާ ގޮވުންތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. އަދި މި ލޮބުވެތި ގައުމަށް ހެޔޮއެދޭ އެއްވެސް ދަރިއަކު އަނިޔާވެރި ކަމަށް ގޮވާލައި އެފަދަ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަށް ވެސް އެޕާޓީން ވަނީ އެންމެހާ ރައްޔިތުންގެ ކިބައިން އެދިފައެވެ.

އެމްޑީއޭ އިން ބުނީ ރާއްޖޭގައި ހިނގަމުންދާ މީހުން މެރުމާއި ނުރައްކާތެރި މާރާމާރީތައް ހުއްޓުވުމަށް ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް އަޅުއްވާފައިވާތީ އެކަމަށް އެ ޕާޓީން ވަރަށް ބޮޑަށް ސަރުކާރަށް ތާއީދުކޮށް ޝުކުރު އަދާ ކުރާ ކަމަށެވެ.

"މާލެ ސިޓީގައާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ މީހުން މެރުމާއި ނުރައްކާތެރި މާރާމާރީތައް ހުއްޓުވުމަށް، ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވަައި އެކަންކަން ހުއްޓުވުމަކަށް ގެނައުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅުއްވުމަށް ސަރުކާރުން ނިންމަވާފައިވާތީ އެކަމަށް މި ޕާޓީގެ ފަރާތުން ވަރަށް ބޮޑަށް ތާއީދު ކުރަމެވެ. އަދި މިކަންކަން ހުއްޓުވުމަށް ރައީސުލްޖުމްހޫރިިއްޔާ ދެއްވަވާ ހާއްސަ އަހައްމިއްޔަތާއި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް މިޕާޓީގެ ފަރާތުން އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ." އެމްޑީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖެއަކީ އަމާން މާހައުލެއް ގާއިމުވެފައިވާ ތަނެއްގެ ގޮތުގައި އޮތުމަށް، "މޯލްޑިވްސް ޕޮލިސް ސާވިސް އާއި، އެމްއެންޑީއެފް އިން ކުރައްވަމުން ގެންދަވާ އިހުލާސްތެރި މަސައްކަތްތަކަށް ވެސް މިޕާޓީގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަމެވެ." އެ ބަޔާނުގައި ވެއެވެ.

އެމްޑީއޭއިން ބުނީ ރާއްޖޭގައި މީހުން މެރުމާއި ނުރައްކާތެރި މާރާމާތީތައް ހުއްޓުވުމަކަށް ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ސިފައިންނާއި ފުލުހުން ހިންގަވަމުން ގެންދަވާ ހަރަކާތްތަކަށް އެ ޕާޓީގެ ހުރިހާ ގުނަވަންތަކާއި އެންމެހާ މެމްބަރުންގެ ފަރާތުން އެއްބާރުލުން ދޭނޭ ކަމަށެވެ.

"މި ޕާޓީގެ އިހްލާސްތެރި ދުއާ އަކީ ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުންނަށް ހުރިހާ ހައްގުތަކެއް (ވަކިފަރާތެއް އިސްތިސްނާ ކުރުމެއްނެތި) ހޯއްދަވައި ދެއްވުމަށް ފޫހިކަމެއް ވަރުބަލި ވުމެއްނެތި މިއަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ އެންމެހާ މަސައްކަތްތަކަށް މާތްﷲގެ ތަނަވަސް ރަހުމަތާއި މަދަދުވެރިކަން އަބަދުމެ މިންވަރުކޮށް ދެއްވުމެވެ.އެވެ. އަދި ހައްގު އަސާސެއް ނެތި، ގައުމުގެ ހަމަޖެހުމާއި، ކަރާމާތް ނަގާލުމަށް މަސައްކަތްކުރާ ފަސާދަވެރީންގެ ކިބައިން މި ލޮބުވެތި ގައުމާއި، ސަރުކާރު ސަލާމަތްކޮށްދެއްވުމެވެ." އެމްޑީއޭގެ ބަޔާނުގައި ވެއެވެ.

މާރާމާރީތަކާ ގުޅިގެން ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެކަމަށް ބުނެ އެމްޑީއޭ އިން ބަޔާނެއް ނެރެފައިވާއިރު ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް އިން ވެސް އެކަމަށް އެއްބާރުލުން ދޭނެ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް މިކަމުގައި ވަރަށް ބޮޑަށް ފާޑުކިޔަމުން ނެވެ.