31 Mar 2015, 16:56
ރާއްޖެއާ ޗައިނާއާއި ދެމެދު އޮތް ގުޅުން އޮމާންކަމާ އެކު ކުރިއަށްދާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންފޫކާން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއާއި އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން ( އާކް) ގުޅިގެން ކުޑަކުދިންގެ ހިޔާގެ މުވައްޒަފުންނަށް ހިންގި ތަމްރީނު ޕްރޮގްރާމެއްގެ ނިމުން ފާހަގަ ކުރުމަށް އެބްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ފޫކާން ވިދާޅުވީ، ގުޅުން ކުރިއަށް ދަނީ ދެގައުމުގެ އެންމެ އިސްވެރިންގެ އަޅައިލެއްވުމާއި އެކުގައި ކަމަށެވެ.
"... ޗައިނާގެ ރައީސް ޒީޖިންޕިންއާއި ދިވެހިރާއްޖޭގެ ރައީސް ޔާމީނުގެ ތާއީދާއި އަޅައިލެއްވުމާއި އެކު ، މުސްތަގުބަލަށް ވިސްނައިގެން ހުރިހާ ދާއިރާތަކުން އެއްބާރުލުން ދޭ، ރަހުމަތްތެރި ޗައިނާ-ދިވެހިރާއްޖެ ގުޅުން އޮމާންކަމާއި އެކު ދަނީ ކުރިއަށް، " ފޫކާން ވިދާޅުވި އެވެ.
ވިޔަފާރި ކުރިއެރުވުމަށް ޗައިނާއިން ކުރިއަށް ގެންދާ 21 ވަނަ ގަރުނުގެ މެރިޓައިމް ސިލްކް ރޯޑް ބިނާކުރުމުގެ މަޝްރޫއު ޕްރޮމޯޓް ކުރަމުން އަންނަނީ ވެސް ދެގައުމު ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ނިމުން ފާހަގަ ކުރި ތަމްރީނު ޕްރޮގްރާމާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ފޫކާން ވިދާޅުވީ، ކުޑަކުދިންނަނީ ގައުމެއްގެ އުއްމީދު ކަމަށެވެ. އަދި ޅައުމުރުގައި އެކުދިންނަށް ތައުލީމު ދިނުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"...އަޅުގަނޑުމެން އެކުދިންނަށް އަޅައިލަން ޖެހޭނެ އަދި އެކުދިންގެ ޅައުމުރުގައި ތައުލީމު ދޭންވާނެ. އެއީ އެކުދިން ބާރުވެރިކުރުވައި، ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް ލިބިދީ، މުޖުތަމައުގައި ސުލްހަވެރިކަމާއި އެކު ދިރިއުޅުވުމަށް ހާނުވަން ޖެހޭނެ،" ފޫކާން ވިދާޅުވިއެވެ.
ކުޑަކުދިންގެ ޅައުމުރުގައި ކުދިންނަށް އަޅައިލުމަށް، ކުޑަކުދިންގެ ހިޔާގެ މުވައްޒަފުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމްގެ އިތުރުން އާކްއާއި ޗައިނާ އެމްބަސީ ގުޅިގެން އުފައްދާފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ވިއުގައިގެ މަސައްކަތް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. " ކޭން ޑޫ" ގެ ނަމުގައި އުފައްދާފައިވާ އެ ވިއުގައިން، ނުކުޅެދުންތެރިކަން ހުރި ކުދިންގެ ހައްގުތައް ލިބިދިނުމަށް ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ފޫކާން ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާކްގެ މެނޭޖިން ޑައިރެކްޓަރު ހައުލާ އަހުމަދު ދީދީ، ޗައިނާ އެމްބަސީއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުޑަކުދިންގެ ދިރިއުޅުމާއި ކުޅިވަރާއި އޮންނަ ގުޅުމުގެ މުހިއްމުކަން އޭނާ ފާހަގަ ކުރެއްވިއެވެ.