31 Mar 2015, 17:11
ނޫސްވެރިކަމުގެ މަސައްކަތުގައި މިދިޔަ އަހަރު އެންމެ މޮޅު ނޫސްވެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ދޭން ނިންމާފައިވާ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.
މީޑިއާ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ އިނާމަށް ނަން ހުށަހެޅުމަށް ބޭނުންވާ ގިނަ ފަރާތްތަކެއް ތިބުމާއެކު ނޫސްވެރިކަމުގެ އިނާމަށް ނަންހުށަހެޅުމުގެ ފުރުސަތު މިރޭ 12:00ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އަދި މިހިނގާ މާޗްމަހުގެ 22 ވަނަ ދުވަހަށް ކުރިން މުއްދަތު ހަމަވާގޮތަށް ނިންމާފައިވީ ނަމަވެސް މިޑިއާ ކައުންސިލުން ވަނީ އެ މުއްދަތު މާޗްމަހުގެ 31 ވަނަ ދުވަހުގެ 14:00 އަށް އިތުރުކޮށްފައެވެ. އަދި މިއަދު ވަނީ އެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު މިރޭ 12:00 ގެ ނިޔަލަށް އިތުރުކޮށްފައެވެ.
ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލާފައި ވަނީ ތިން ދާއިރާއަކުންނެވެ. އެއީ ޓީވީ ސްޓޭޝަންތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނަށާއި އޮންލައިން، ޕްރިންޓް މީޑިއާގައި މަސައްކަތް ކުރާ ނޫސްވެރިންނަށާއި ރޭޑިއޯތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނަށެވެ.
މީޑިއާ ކައުންސިލުން ބުނީ ދައުލަތުގެ ވުޒާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާ ވަސީލަތެއްގައި މަސައްކަތްކުރާ ކޮންމެ ނޫސްވެރިއަކަށް ވެސް އެ އިނާމަށް ކުރިމަތި ލެވިދާނެ ކަމަށެވެ. އަދި އަމިއްލަ ފަރުދަކަށް ވެސް އަދި މުއައްސަސާއަކަށް ވެސް ނޫސްވެރިއެއްގެ ނަން އިނާމަށް ހުށަހެޅިދާނެ ކަމަށް މީޑިއާ ކައުންސިލްގެ އިއުލާނުގައި ބުނެފައިވެ އެވެ.
އެކައުންސިލުން ބުނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފޯމާ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ގަވާއިދު އެކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ.