ހެލްތު މިނިސްޓަރު ކަމުގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އައްޔަންކުރެއްވި ހ. މާބަނޑޭރިއާގެ އަހުމަދު ޒުހޫރަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ފާސްކޮށްފި އެވެ.

މަޖިލީހުގެ ކޮމިޓީން ޒުހޫރު ހެލްތު މިނިސްޓަރުކަމުގެ މަގާމުގައި ހުރުމަށް ރުހުން އޮތް ކަމަށް ފާސްކޮށްފައި ވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި ހަތް މެންބަރުންގެ އިއްތިފާގުންނެވެ.

ހެލްތު މިނިސްޓަރު ކަމަށް ރައީސް ޔާމީން ޒުހޫރު އައްޔަންކުރައްވާފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އަދި ޒުހޫރަށް ރުހުން ހޯދުމަށް މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

ހެލްތު މިނިސްޓަރީގެ ދަށުން ޖެންޑާގެ މަސައްކަތްތައް ނަގައި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގެ ނަމުގައި ވުޒާރާއެއް އުފައްދައި ރައީސް ޔާމީން ވަނީ އެ މިނިސްޓްރީ ހިންގެވުން ބަންޑާރަ ނައިބު މުހައްމަދު އަނިލްއާ ހަވާލުކުރައްވާފައެވެ.

އޭގެފަހުން ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މަރިޔަމް ޝަކީލާއަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލީހުން ވަނީ ރުހުން ނެތް ކަމަށް ފާސްކޮށްފައެވެ. އޭގަފަހުން މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހާ ހަމައަށް އެ މިނިސްޓްރީ ވަގުތީގޮތުން ހިންގަވަމުން ގެންދެވީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމެވެ.

ނާޒިމް މިނިސްޓަރު ކަމުން ވަކިކުރެއްވުމަށްފަހު މިއަދާހަމައަށް ރައީސް ޔާމީން އެމިނިސްޓްރީ ހިންގެވުން ހަވާލުކުރައްވާފައި ވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާ އެވެ.