31 Mar 2015, 14:05
ރަސްމީގަޑީގައި ސިވިލްސާވަންޓުންނަށް ސިޔާސީ އެއްވުންތަކުގައި ބައިވެރި ނުވެވޭގޮތަށް ސިވިލް ސާވިސް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތަސްދީގު ކުރައްވައިފި އެވެ.
ރައީސް ޔާމީން އެ ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން މިއަދު ވަނީ އެ ބިލް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައެވެ.
ސިވިލް ސާވިސް ގާނޫނަށް ގެނައި އެ އިސްލާހުގައި ވާގޮތުން ސިވިލް ސާވިސްގެ މުވައްޒަފަކު އޭނާގެ މަގާމުގެ ހައިސިއްޔަތުން ލިބޭ ބާރެއް، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް ބޭނުންކޮށްގެން އެއްވެސް ފަރާތެއްގެ ސިޔާސީ ހަރަކާތައް ބާރު ފޯރުވައި ނޫންނަމަ ނުފޫޒު ފޯރުވައި ހެދުމަކީ މަނާކަމެކެވެ.
މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީގަޑީގެ ބޭރުން ވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ސިވިލް ސާވިސް މުވައްޒަފަކަށް ބައިވެރިނުވެވޭނެ ކަމަށް އެ އިސްލާހުގައި ވެއެވެ.