31 Mar 2015, 15:58
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިންޑިއާގެ ޗެންނާއިގައި ރޯޑް ޝޯއެއް ބާއްވައިފި އެވެ.
ޗެންނާއީގައި އިއްޔެ ބޭއްވި މި ރޯޑް ޝޯގައި، އާއްމު ފަރާތްތަކުގެ އިތުރުން އިންޑިއާގެ ޓްރެވެލް އެޖެންޓުންނާއި މީޑިއާތަކަށް މައުލޫމާތުދީފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
އެއާލައިން ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވިއަންއާ ގުޅިގެން ބޭއްވި މި ރޯޑް ޝޯއަށް 100 އަށް ވުރެ ގިނަ އެޖެންޓުން އައި ކަމަށާއި މިއިން ދައްކުވައިދެނީ މި ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިންޑިއާގައި މަގުބޫލުކަންކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
މި ރޯޑް ޝޯގައި ވަނީ ޝޯއަށް ޒިޔާރަތްކުރި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ދެމަފިރި އަކަށް ރާއްޖެއަށް އައުމަށް ބިޒްނަސް ކްލާސް ޓިކެޓް ދީފައެވެ.
އެމްއެމްޕީއާރުސީން ވަނީ ބެންގަލޫރު، މުމްބާއީ، ކަލްކަތާ އަދި ނިއުދިއްލީގައި ދާދި ފަހުން ރޯޑް ޝޯ ބާއްވާފައެވެ.
ފާއިތުވި އަހަރު އިންޑިއާއިން ވަނީ 45،587 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފަައެވެ. މިއީ 2013 އަށް ވުރެ 19.9 ޕަސެންޓް އިތުރު އަދަދެކެވެ.