ފަސް އަހަރުގެ އަންހެން ކުއްޖަކަށް އެކި ދުވަސް މަތިން ތަކުރާރުކޮށް ޖިސްމާނީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި އައްޑޫސިޓީން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރި މީހާއަކީ ކުޑަ ކުއްޖާއާ އާއިލީ ގޮތުން އެއްވެސް ގުޅުމެއް އޮތް މީހެއް ނޫނެވެ.

ފުލުހުން ބުނީ، މިދިޔަ ހޮނިހިރު ދުވަހު ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައާއި ގުޅިގެން އެމިހާ ހައްޔަރުކޮށްފައިވަނީ އެދުވަހުގެރޭ 10:30 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ތިން ދުވަހުގެ މުއްދަތެއް ދީފައެވެ.