ގައުމުގައި ހުރި މިނިވަން މުއައްސަސާތަކުން ކަންކަން ކުރަމުންދަނީ ރަނގަޅަށްތޯ ރައީސުލްޖުމްހޫރިއްޔާ ބައްލަވަންޖެހިވަޑައިގަންނަވާ ކަމަށް ގާނޫނީ ވަކީލް އަބްދުﷲ ހަސީން ވިދާޅުވެއްޖެ އެވެ.

ގާނޫނާ ހިލާފަށް ސަރުކާރުން ކުރާ ކަންތައްތައްކާއި އަދި މިނިވަން މުއައްސަސާތަކުން އަމަލުކުރަމުންދާ ގޮތްތަކާ ބެހޭގޮތުން ކަމަށްބުނެ ސަރުކާރާ އިދިކޮޅުފަރާތްތަކުގެ ގާނޫނީ ޓީމުގެ ފަރާތުން މިއަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހަސީން ވިދާޅުވީ، މިނިވަން މުއައްސަސާތަކުން އަމަލުކުރަމުންދާ ގޮތްތަކަށް ފާޑުކިޔައި ނުހަދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ދައުލަތުގެ މިނިވަން މުއައްސަސާތައް ހިނގާކަން ކަށަވަރު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށް ހަސީން ވިދާޅުވި އެވެ.

"ނުހަމަ އުސޫލަކުން ސުޕްރީމް ކޯޓުން އަމަލުކޮށްފައިވާނަމަ އެކަމާ ބެހޭ ގޮތުން އަޅަންޖެހޭ ނުވަތަ ކުރަންޖެހޭ ކަމެއް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރައްވަންޖެހޭ ކަމެއް. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މި ދެންނެވި ގާނޫނުއަސާސީއާ ހިލާފު އަމަލުތައް ސުޕްރީމް ކޯޓުން ހިންގާފައިވާއިރު މިކަމާ ބެހޭ ގޮތުން ސަރުކާރުން ނުވަތަ ސަރުކާރު ހިންގާފައިވާ ފަރާތްތަކުން އެއްވެސް އެއްޗެއް ބުނެފައި އެއް ނުވޭ،" ހަސީން ވިދާޅުވި އެވެ.

މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިމާދު ސޯލިހް ވިދާޅުވީ، ސަރުކާރާ ދެކޮޅަށް އެއްޗެކޭ ބުނާ ހިސާބުން ނުވަތަ ސަރުކާރާ ދެކޮޅަށް މަސައްކަތެއް ކުރާ ހިސާބުން އެކި މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ މަގާމު ގެއްލެމުންދާ ކަމަށެވެ. އެގޮތުން އޮޑިޓާ ޖެނެރަލްގެ މަގާމު ގެއްލިގެން ދިޔަ ގޮތާ މެދު އިމާދު ވަނީ ވާހަކަފުޅުދައްކަވާފައެވެ.

"މިވާ ގޮތަކީ ސަރުކާރުގެ އިސް ވަޒީރަކަށް ކޮރަޕްޝަންގެ އިނގިލި ދިއްކުރެވި އެކަމަށް ތުހުމަތު ކުރެވި އެ ރިޕޯޓު އޮޑިޓާ ޖެނެރަލް ނެރުމަށް ވަރަަށް ކައިރި ވެފައި ވަނިކޮށް އޮޑިޓާ ޖެނެރަލް ވަކިކުރެއްވީ. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންވެއްޖެ މައްސަލައެއް. އެހެންވީމަ މި ގާނޫނަށް އިސްލާހެއްގެ ނަމުގައި ބަދަލުތަކެއް ގެނެސްގެން މިކަން ކުރި ނިޔަތާ ދޭތެރޭގައި ފުރަތަމަ ވެސް އެބަ ސުވާލު ކުރުމުގެ ޖާގަ އެބައޮތް،" އިމާދު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި އެ ދެ ބޭފުޅުން ވެސް ވަނީ ސަރުކާރުން ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައި އެވެ.