31 Mar 2015, 12:49
ދަރިފުޅު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ލ. މާބައިދޫން ހައްޔަރު ކުރި އިންޑިއާ އަންހެން މީހާއަށް ކޯޓުން މުއްދަތު ޖަހައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، އެ އަންހެން މީހާގެ ބަންދަށް އެ އަތޮޅު ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ފަސް ދުވަސް އިއްޔެ ޖަހާފައިވާ ކަމަށެވެ.
އެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ އިރާކޮޅު ވަގުތެއްގައެވެ.
މާބައިދޫ ކައުންސިލުން ބުނެފައިވަނީ އެރަށު މީހަކާ އިނދެގެން އުޅޭ އަންހެން މީހާ ހައްޔަރުކުރީ އޭނާގެ ދަރިފުޅު މަރާލަން މަސައްކަތް ކުރުމާ ގުޅިގެންކަމަށެވެ.
ކައުންސިލުން ބުނެފައިވަނީ ދޮރުވައްޓާލާފައި އެގެއަށް ވަންއިރު އަންހެން މީހާ ހުރީ ދަރިފުޅު ބިންމައްޗަށް ވައްޓާލައި އެކުއްޖާ ކަރަށް ގަސްކާނާ ބޭސް ފުޅިއެއް އަޅަން ތައްޔާރު ވެގެން ކަމަށެވެ. ނަމަވެސް އެއްވެސް އަނިޔާއެއް ނުލިބި ކުއްޖާ ސަލާމަތް ކުރެވިފައިވާ ކަމަށްވެސް އެރަށު ކައުންސިލުން ބުންޏެވެ.
އަންހެން މީހާ އޭނާގެ އަމިއްލަ ދަރި މަރާލަން މަސައްކަތް ކޮށްފައިވަނީ އެ އަންހެން މީހާ މިހާރު އިނދެގެން އުޅޭ ފިރިހެން މީހާ އެހެން މީހަކާ އިނދެގެން ލިބިފައި ހުރި ދަރިއަކާ ޒުވާބުކޮށް ތަޅާފޮޅާ ހެދުމަށްފަހު ގެއަށް ގޮހެވެ.
އެ އަންހެން މީހާގެ ފަސް އަހަރު ނުފުރޭ ތިން ކުއްޖަކު ތިބިއިރު، އެތިން ކުދިން މިހާރު ތިބީ އެކުދިންގެ ބައްޕަގެ އާއިލާ މީހުންނާ ހަވާލުކޮށްފައެވެ.