31 Mar 2015, 12:43
އަދާލަތު ޕާޓީގެ މެންބަރުން އެ ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއެކު ކުރިއަށް ދިއުމަށް އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިހް އިލްޔާސް ހުސައިން ގޮވާލައްވައިފި އެވެ.
މީޑިއާތަކަށް ފޮނުވި އޯޑިއޯ މެސެޖެއްގައި އިލްޔާސް މިއަދު ވިދާޅުވީ، ވާދަވެރި ފަރާތްތަކުން ފަތުރަމުންދާ ފިތުނަވެރި ވާހަކަތަކުން ސަމާލަތްވެ ތިބެ އެޕާޓީގެ ރައީސް އިމްރާނާއެކު ކުރިއަށް ދިއުމަށް ޕާޓީގެ މެމްބަރުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
"އަޅުގަނޑު މިހިރީ ޕާޓީގެ އިއްޒަތްތެރި ރައީސް އައްޝެއިހް އިމްރާން އަބްދުﷲ އާއި އަދި ޕާޓީގެ ލީޑާޝިޕާއި މަޝްވަރާ މަޖިލީހުގެ ނިންމުމާއެކު،" މަޝްހޫރު ދީނީ އިލްމުވެރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހަކީ މިނިވަން މުސްތަގިއްލު އަދި ނުފޫޒެއް ފޯރާފައިނުވާ މަޖިލީހެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ނުފޫޏެއް ނުފޯރުވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
"ޕާޓީގެ އިލްމުވެރިންގެ މަޖިލީހަށް ޕާޓީގެ އެއްވެސް ރުކުނަކުން އެއްވެސް ވަރެއްގެ ނުފޫޒެއް އަދި އެހެން އެއްވެސް ފަރާތެއްގެ ނުފޫޒެއްވެސް މިހާހިސާބަށް ފޯރާފައިނުވާކަން، އަދި އިންޝާﷲ ކުރިއަށް އޮތްތަނުގައިވެސް އެއްވެސް ނުފޫޏެއް ނުފޯރުވޭނެކަން،" އިލްޔާސް ވިދާޅުވި އެވެ.
މިމަހު ހަތް ވަނަ ދުވަހު އެޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި މިހާރު ގައުމަށް ކުރިމަތިވެފައިވާ ބައެއް ކަންތައްތަކާއި މެދު މަޝްވަރާ ކޮށްފައިވާނެ ކަމަށާއި އެމަޖިލީހަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރަން އިލްޔާސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އަދާލަތު ޕާޓީން މިހާރު ވަނީ ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންގޮސް، މިސަރުކާރަކީ އަނިޔާވެރި ސަރުކާރެއްކަމަށް ބުނެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކާއި ގުޅިގެން ސިޔާސީ ހަރަކާތްތައް ހިންގަން ފަށާފައެވެ.