31 Mar 2015, 12:23
މާލޭގެ ބައެއް މަގުތަކާއި ގޯޅިތައް އަލިކުރުމުގެ ގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއެކު ފުލުހުން މަޝްވަރާ ކޮށްފި އެވެ.
ފުލުހުން ބުނީ، އިއްޔެ ސްޓެލްކޯއާއެކު އޮތް ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ފުލުހުންގެ ފަރާތުން ސްޓެލްކޯއަށް ހުށަހަޅާފައިވަނީ މާލޭގެ މަގުތަކުގެތެރެއިން އަލިކަން އެކަށިގެންވާ ގޮތެއްގައި ނުހުންނަ މަގުތަކާއި ގޯޅިތައް މިހާރަށްވުރެ ބޮޑަށް އަލިކޮށް އެފަދަ މަގުތަކާއި ގޯޅިތަކުގައި ހިނގާ ކަންކަން ފަސޭހައިން ރައްޔިތުންނަށް ފެންނާނެ ގޮތަކަށް ހެދުމުގެ މުހިއްމުކަމާ މެދުގައި ކަމަށެވެ.
އިއްޔެ އޮތް ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ސްޓެލްކޯގައި އެދިފައިވަނީ އެކަށީގެންވާ ގޮތަކަށް އަލިކަން ލިބިފައި ނުހުންނަ ސަރަހައްދުތަކުގައި މާރާމާރީ ހިންގައި އެހެނިހެން ވެސް ކުށްތައް ހިންގަން ފުރުސަތު ބޮޑުވާތީ އެކަމަށް ހައްލު ހޯދުމަށް އެކި ފަރާތްތަކާއެކު ފުލުހުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމަކީ ވީއެންމެ އަވަހަކަށް ހެޔޮ ބަދަލެއް އަންނަން ޖެހޭނެ ކަމަކަށްވެފައި ވަކިން ހާއްސަކޮށް ކުށުގެ ނުރަނގަޅު އަމަލުތައް ހިނގާ ސަރަހައްދު ތަކުގެ ތެރޭގައި އެންމެ ރަނގަޅަށް އަލިކަން ލިބިފައި ނުހުންނަ ސަރަހައްދުތައް ހުރުމަކީ ކަންބޮޑުވާ ކަމެއްކަން ފުލުހުން ފާހަގަކޮށްފައިވާ ކަމަށެވެ.
އެބައްދަލުވުމުގައި ކުރި މަޝްވަރާތަކަށްފަހު ސްޓެލްކޯއިން ވަނީ ފުލުހުންގެ ހުށަހެޅުމާ އެއްގޮތަށް މާލޭގެ މަގުތަކާ ގޯޅިތަކުގެތެރެއިން އަލިމަޑުކަމަށް ފުލުހުން ފާހަގަ ކޮށްފައިވާ މަގުތަކާ ގޯޅިތައް އަލި ކުރުމުގެ މަސައްކަތުގައި ސްޓެލްކޯއިން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް ބުނެފައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.