މުޒާހަރާތަކަށް ނުދިޔުމަށް ޝަރުތުކޮށް ބަންދުން ދޫކޮށްލުމުގައި އުސޫލީ މައްސަލަތަކެއް ހުރި ކަމަށް ދެކޭތީ އެކަން ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

ޕީޖީ މުހުތާޒު މިއަދު ސަން އަށް ވިދާޅުވީ، އެކަމާ ގުޅިގެން ކްރިމިނަލް ކޯޓަށް އެމަނިކުފާނު އިއްޔެ ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ވަކި މުއްދަތެއް ވަންދެން މުޒާހަރާތަކަށް ނުދިޔުމަށް ޝަރުތުކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރު ވަމުން އަންނަ ކަމަށެވެ. އަދި އެ ޝަރުތާ ޚިލާފުވުމުން ބައެއް މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް ޕީޖީ ވިދާޅުވި އެވެ.

އެކަމަކީ މަޝްވަރާ ކޮށްގެން ހައްލުކުރެވިދާނެ ކަމެއް ކަމަށާއި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި މަޝްވަރާކުރުމަށް ކްރިމިނަލް ކޯޓުން މިހާރު އެއްބާރުލުންދޭ ކަމަށް މުހުތާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ބުނެފައި ވަނީ ވަކި މުއްދަތެއް ވަންދެން މުޒާހަރާތަކަށް ނުދިޔުމަށް އެއްބަސްވާނަމަ ބަންދުން ދޫކޮށްލެވިދާނެ ކަމަށެވެ.

އެހެންނަމަވެސް އެއީ ގާނޫނޫ އަސާސީއާ ޚިލާފު ކަމެއް ކަމަށާއި އެގޮތަށް އެއްބަސްވެވެން ނެތް ކަމަށް ފައްޔާޒު ވިދާޅުވުމުން އޭނާގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. އޭގެފަހުން މިހާރު އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ.

މުޒާހަރާގައި ހައްޔަރު ކުރި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އެއްމަސް ދުވަސް ވަންދެން މުޒާހަރާތަކުގައި ބައިވެރިނުވުމަށް ޝަރުތުކޮށް އޭނާ ދޫކޮށްލި އެވެ. ނަމަވެސް އެގޮތަށް ޝަރުތުކޮށްފައި ވަނިކޮށް މުޒާހަރާގައި ބައިވެރިވެ، ކިތަންމެ ވަރަކަށް ކޯޓުން ޝަރުތުކުރިޔަސް މުޒާހަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވުން އަނެއްކާވެސް އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.