31 Mar 2015, 12:01
މީޑިއާތަކަށާއި ނޫސްވެރިންނަށް ފޮނުވަމުންދާ އިންޒާރުތަކާއި ބިރުދެއްކުމުގެ ސަބަބުން ނޫސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ބައެއް މީޑިއާތަކުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާ ބައްދަލުކޮށްފި އެވެ.
އެ ކައުންސިލުން ބުނީ، މި ބައްދަލުކުރެއްވުމުގައި ހަވީރު މީޑިއާ ގްރޫޕާ އެމްބީސީއާއި ރާއްޖެ ޓީވީގެ އިތުރުން މިނިވަން ނޫހުން ބައިވެރިވެފައިވާ ކަމަށެވެ.
މީޑިއާތަކުގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް އެމްއެމްސީއާ އިއްޔެ މީޑިއާތަކުން ބައްދަލުކޮށްފައިވާއިރު މުޒާހަރާތަކުގައި ހައްޔަރު ކުރި ނޫސްވެރިންނާ ވެސް އެ ކައުންސިލުން ވަނީ ދާދިފަހުން ބައްދަލުކޮށްފައެވެ.
އެ ބައްދަލުވުމަކީ މުޒާހަރާތަކުގައި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ބަލައި ތަހުގީގު ކުރުމަށް އެ ކައުންސިލުން އުފައްދާފައިވާ ފަސް މެމްބަރުންގެ ކޮމިޓީން އިންތިޒާމް ކުރި ބައްދަލުވުމެކެވެ. އެ ކޮމިޓީގެ މުގައްރިރު ހުސައިން ހަސަން ވިދާޅުވީ، ފުލުހުންގެ ބަންދުގައި ތިބި ތިން ނޫސްވެރިން ހައްޔަރު ކުރި ސަބަބު އެ ބައްދަލުވުމުގައި އޮޅުން ފިލުވައި ބަޔާން ނަގާފައިވާ ކަމަށެވެ.