ކެރަމް އެސޯސިއޭޝަނުން މި އަހަރު ހިންގަން ރާވާފައިވާ ހަރަކާތްތަކަށް 979,511 ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.

ކެރަމް އެސޯސިއޭޝަނުން މި އަހަރަށް ކަނޑައެޅި ބަޖެޓު ފާސްކޮށްފައި ވަނީ ރޭ ބޭއްވި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައެވެ.

ކެރަމް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ނަދީމް ރިޔާސަތު ބެލެހެއްޓެވި އެ ޖަލްސާގައި އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ހަތް ބޭފުޅުންނާއި، ވޯޓު ލުމުގެ ހައްގު ލިބިގެންވާ 19 މެނަބަރުންގެ ތެރެއިން 11 މެންބަރުން ބައިވެރިވެފައި ވެއެވެ.

ރޭގެ ޖަލްސާގައި ކެރަމް އެސޯސިއޭޝަންގެ އަހަރީ ރިޕޯޓާއި މި އަހަރުގެ ކަލަންޑަރު ވަނީ ފާސްކޮށްފައެވެ. އަދި އެ ޖަލްސާގައި މި އަހަރު ކެރަމް އެސޯސިއޭޝަންގެ އޮޑިޓަރެއްގެ ގޮތުގައި އެފްޖޭއެސް އެސޯސިއޭޓްސް ވަނީ ކަނޑައަޅާފައެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކެރަމް އެސޯސިއޭޝަންގެ ރައީސް ނަދީމް ވަނީ މި އަހަރު އެ އެސޯސިއޭޝަނުން ހިންގާ ހަރަކާތްތަކުގައި، ކުޅުންތެރިން ތަމްރީނު ކުރުމަށާއި އަންޕަޔަރުންނާއި ކޯޗުން ތަމްރީނުކުރުމަށް ހާއްސަ އިސްކަމެއް ދޭން ނިންމާފައި ވާކަން ފާހަގަ ކޮށްފައެވެ.

ކެރަމް އެސޯސިއޭޝަނުން މި އަަހަރުގެ ތެރޭ ހިންގާ ޕްރޮގްރާމްތަކުގެ ތެރޭގައި، އަންޕަޔަރުން ތަމްރީނުކޮށް ސަޓިފައި ކުރުމަށް ތިން ކޯހެއް ހިންގަން ވަނީ ރާވާފައެވެ. އަދި އޭގެ އިތުރުން ކޯޗުންނާއި ކުޅުންތެރިން ތަމްރީނު ކުރުމަށްވެސް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ.