31 Mar 2015, 11:02
ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް، މަރާލި ކަމުގެ ތުހުމަތު ކުރާ އެކުއްޖާގެ މަންމަ، އާފިޔާ މުހައްމަދުގެ ބަންދުގެ މުއްދަތު ފަސް ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާފިޔާގެ ބަންދުގެ މުއްދަތު ފަސް ވަނަ ފަހަރަށް އިތުރުކޮށްފައި ވަނީ މިއަދު ކަމަށާއި މިއަދު ވެސް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ އިތުރު 15 ދުވަހަށް ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ކަމަށެވެ.
ރަކީދޫ، މެރިންކޯނާ ގޭގައި ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި އިބްތިހާލް ފެނިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އިބްތިހާލަށް، އޭނާގެ މަންމަގެ ފަރާތުން އަނިޔާ ލިބެމުންދާތީ އެކި ފަހަރު މަތިން އެކުއްޖާގެ މަންމައަށް ނަސޭހަތްތެރިވެފައި ވާކަމަށް ރަކީދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.
ހިއުމަންރައިޓްސް ކޮމިޝަންގެ ތަހުގީގަށް އާފިޔާ ގެންދިޔުމުން އޭނާ ވަނީ އިބްތިހާލަށް އަނިޔާ ކުރި ކަމަށް އިއުތިރާފުވެފައެވެ. އޭނާ ބުނީ ދަރިފުޅަށް އަނިޔާ ކުރީ މަރާލުމުގެ ނިޔަތުގައި ނޫންކަމަށެވެ.