ރާއްޖޭގައި މިހާރު ހިނގަމުންދާ މީހުން މެރުމާއި ނުރައްކާތެރި މާރާމާރީތައް ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތާއީދުކޮށް އެކަމަށް ޝުކުރު އަދާކުރާ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މާރާމާރީތައް ހުއްޓުވުމަށް ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާތީ އެކަމަށް އެ ޕާޓީގެ ފަރާތުން ވަރަށް ބޮޑަށް ތާއީދު ކުރާ ކަމަށެވެ. އަދި އެކަންކަން ހުއްޓުވުމަށް ރައީސް ޔާމީން ދެއްވާ އަހައްމިއްޔަތާއި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޝުކުރު ދަންނަވާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

"ރާއްޖެއަކީ އަމާން މާހައުލެއް ގާއިމުވެފައިވާ ތަނެއްގެ ގޮތުަގައި އޮތުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކުރަމުންދާ މަސައްކަތަށް ވެސް މި ޕާޓީގެ ފަރާތުން ޝުކުރު އަދާކުރަމެވެ." ޕީޕީއެމްގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ޕީޕީއެމް އިން ބުނީ ރާއްޖޭގައި މިހާރު ހިނގަމުންދާ ނުރައްކާތެރި މާރާމާރީތައް ހުއްޓުވުމަކަށް ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ސިފައިންނާއި ފުލުހުން ކުރިއަށްގެންދާ ހަރަކާތްތަކަށް އެ ޕާޓީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މާރާމާރީތަކުގައި ގިނަ އަދަދެއްގެ މީހުން މަރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތާއީދުކޮށް ޕީޕީއެމް އިން ވާހަކަދައްކާފައިވާއިރު އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް މިކަމުގައި ވަރަށް ބޮޑަށް ފާޑުކިޔަމުން ނެވެ. އެގޮތުން އަދާލަތު ޕާޓީން އިއްޔެ ބުނެފައި ވަނީ ރައްޔިތުންނަށް ލިބެންޖެހޭ ރައްކާތެރިކަން ދިނުމަށް ސަރުކާރު ފެއިލް ވެފައިވާ ކަމަށެވެ. ހަމައެއާއެކު ކުށުގެ ބިރުވެރިކަމުން މުޖުތަމައު ސަލާމަތްކޮށް މުޖުތަމައުގައި އަމާންކަން ދެމެހެއްޓުމަށް ފުލުހުން މިހާރަށް ވުރެ ޒިންމާދާރުވާންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީން ވެސް ވަނީ ދާދިފަހުން ބުނެފައެވެ.