މިނިވަން 50 ފާހަގަ ކުރުމަށް ޖުމްހޫރީ މައިދާނުގައި ވިނަ އިންދުމުގެ މަސައްކަތް ފަށައިފި އެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު 'ސަން'އަށް ވިދާޅުވީ، އިއްޔެއިން ފެށިގެން ކުރަމުންދާ އެ މަސައްކަތުގައި، ޖުމްހޫރީ މައިދާނުގައި ވިނަ ހައްދާފައިވާ ހުރިހާ ސަރަހައްދެއްގެ ވިނަ އާ ކުރެވޭނެ ކަމަށެވެ.

ކުރިއަށް އޮތް ދެ ދުވަސް ތެރޭ އެމަސައްކަތް ނިންމާލެވޭނެ ކަމަށާއި އެވިނަތަކަކީ ލަންކާއިން ގެނެސްގެން އިންދަމުންދާ ވިނަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ މިނިވަން 50 ގުޅިގެން ޖުމްހޫރީ މައިދާން ޒީނަތްތެރިކޮށް ރީތި ކުރުމަށް ކުރާ މަސައްކަތެއް. އަދިވެސް އެމަސައްކަތް ކުރަމުން ދަނީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ޖުމްހޫރީ މައިދާނުގެ ވިނަތައް އާ ކުރަމުންދާއިރު ޖުމްހޫރީ މައިދާން މަރާމާތުކޮށް ޒީނަތްތެރި ކުރުމުގެ މަސައްކަތްވެސް އެމިނިސްޓްރީން ދަނީ ކުރަމުންނެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ، ޖުމްހޫރީ މައިދާނަކީ ވެރިރަށް މާލޭގެ މޫނު މަތި ކަމަށެވެ. އެހެންކަމުން ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން މުޅި ޖުމްހޫރީ މައިދާން އެއްކޮށް މަރާމާތު ކުރަން ފަށާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ މާލެ ސިޓީ ކައުންސިލަށް އެތަން މަރާމާތު ނުކުރެވި އެތައް ދުވަހެއް ވޭތުވެގެން ގޮސްފި. ސަރުކާރަކުން ބޭނުމެއް ނޫން އެތަން އެގޮތަށް ބާއްވާކަށް. ސަރުކާރުން އިރާދަކުރެއްވިއްޔާ އެތަން މަރާމާތު ކުރާނަން. އެތަން ޒީނަތްތެރި ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

މިނިވަން 50 އާ ގުޅުވައިގެން ސަރުކާރާއި ރައްޔިތުން ހިއްސާވާ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ މިނިވަން ދުވަހަށް، ޖުމްހޫރީ މައިދާނުގެ ހުޅަނގު ކޮޅުގައި ކުރިން ހަދާފައި ހުރި ފެންއަރުވާ ވަޑާން ތަޅާލުމަށް ފަހު އެތަނުގައި މިޔުޒިކަލް ފެންއަރުވާ ވަޑާމެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.