31 Mar 2015, 10:54
ސަރުކާރުގެ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ނ. ހޮޅުދޫގައި ގާއިމްކުރި ފުޓްސެލް ދަނޑު ރަސްމީކޮށް ހުޅުވައިފި އެވެ.
ހޮޅުދޫގައި ގާއިމްކުރި ފުޓްސެލް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވީ ރޭ އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެވެ. އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ ބައެއް ބޭފުޅުންނާއި، ހޮޅުދޫ ކައުންސިލްގެ އިސް ބޭފުޅުންގެ އިތުރުން އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެެރިވި އެވެ.
ކޮންޓްރެކްޓް އުސޫލުން ދަނޑުގެ މަސައްކަތް ހަވާލުކުރި އެމްޓީސީސީގެ ފަރާތުން ދަނޑު ނިންމުމަށް ފަހު، ރަސްމީކޮށް ޔޫތު މިނިސްޓްރީއާ ދަނޑުގެ ތަޅުދަނޑި ހަވާލުކުރީ، އެކަމަށް ހާއްސަކޮށް ރޭ ހޮޅުދޫގައި، ކުލަގަދަ ނެށުމުގެ ހަރަކާތްތަކަކާއި ބޮޑުބެރު ހަރަކާތްތަކަކާއެކު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ.
އެމްޓީސީސީގެ ފަރާތުން ތަޅުދަނޑި ޔޫތު މިނިސްޓަރު މަލީހުއާ ހަވާލުކުރީ އެ ކުންފުނީގެ ޗެއާމަން ހުސެއިން ސާލިމް މުހައްމަދު އެވެ. އަދި ޔޫތު މިނިސްޓްރީން ދަނޑު ރަސްމީކޮށް ހޮޅުދޫ ކައުންސިލާ ހަވާލުކޮށްފައި ވާއިރު، ތަޅުދަނޑިއާ ހަވާލުވީ ހޮޅުދޫ ކައުންސިލްގެ ރައީސް މާއިޒް މުހައްމަދު އެވެ.
ދަނޑު ހުޅުވައިދެއްވުމަށް ފަހު އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަލީހު ވަނީ ހޮޅުދޫގައި ގާއިމްކުރެވުނު ފުޓްސެލް ދަނޑަކީ އެންމެ ޒަމާނީ ފެންވަރަށް ގާއިމްކުރެވުނު ދަނޑެއް ފާހަގަކޮށް، އެ ދަނޑުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް ހޮޅުދޫގެ ޒުވާނުންނަށް އިލްތިމާސް ކުރައްވައިފައެވެ. އަދި އެ ދާއިރާއިން ކުރިއެރުން ހޯދައި، މާރާމާރީ އާއި ކުށްތަކުން ދުރުވުމަށް ސަރުކާރުން ގާއިމްކުރާ އެފަދަ ވަސީލަތްތަކުގެ ބޭނުން ހިފުމަށް ޔޫތު މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު ވާހަކަ ދައްކަވަނީ ---- ސަން ފޮޓޯ/ އަހުމަދު ޖުނައިދު
ހޮޅުދޫ ރައްޔިތުންނަކީ ވަރަށް ހިތްހެޔޮ، މެހެމާންދާރީ ރަނގަޅު ބައެއްކަން ފާހަގަކޮށް، ހިޔާލުތަފާތުވުންތަކެއް ހުއްޓަސް، ސަރުކާރުގެ މަޝްރޫތަކަށް ވަރަށް އެއްބާރުލުން ދޭ ރައްޔިތުންތަކެއް އުޅޭ ރަށެއްކަން ޔޫތު މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޮޅުދޫ ކައުންސިލްގެ ރައީސް މާއިޒް ވަނީ މި ސަރުކާރަކީ އަބަދުވެސް އެ ރަށަށް ގިނަ އެހީތަކެއް ވަމުން އަންނަ ސަރުކާރެއްކަން ފާހަގަ ކޮށްފައެވެ. އަދި އެ ރަށުގައި ގާއިމްކުރެވިގެން ދިޔަ ފުޓްސެލް ދަނޑަކީ ރަށަށް ލިބުނު ކުރިއެރުމެއްކަން ފާހަގަކޮށް، މާއިޒް ވަނީ ސަރުކާރަށާއި ޔޫތު މިނިސްޓްރީއަށް ޝުކުރު ދަންނަވާފައެވެ.
ރޭގެ ރަސްމިއްޔާތުގައި ދަނޑުގެ މަސައްކަތް ނިންމުމަށް އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތައް ކަމަށްވާ އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަން، ނ. އަތޮޅު ކައުންސިލާއި އަދި ހޮޅުދޫ ކައުންސިލަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ.
ދަނޑު ހުޅުވުމަށް ފަހު ޔޫތު މިނިސްޓްރީގެ ޓީމަކާއި ރަށުގެ ސަރުކާރުގެ އިދާރާތަކުން ހޮވާލެވުނު ޓީމަކާ ދެމެދު މެޗެއް ކުޅެފައި ވާއިރު، އެ މެޗު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ މިިނިސްޓްރީގެ ޓީމެވެ. އެ މެޗުގައި ޔޫތު މިނިސްޓަރު މަލީހު ޖަމާލް ވެސް ކުޅުއްވި އެވެ.