ސަންއާ (މާޗް 31): ސައޫދީ އަރަބިޔާއިން ޔަމަނަށް ދިން ވައިގެ ހަމަލާތަކެއްގައި ޔަމަންގެ އާންމުންގެ 45 މީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވެއްޖެ އެވެ.

ޔަމަންގެ ރަސްމީ ނޫސްއެޖެންސީ ސަބައު ބުނީ، ސައޫދީ އަސްކަރީ މަތިންދާބޯޓުތަކުން ޔަމަނަށް ދެމުންގެންދާ ވައިގެ ހަމަލާތަކުގެ ތެރެއިން ހަމަލާތަކެއް ޔަމަންގެ ރެފިއުޖީ ކޭންޕަކަށް އަމާޒުވުމުގެ ސަބަބުން 45 މީހުން މަރުވެ 20 މީހުން ޒަޚަމްވެފައިވާ ކަމަށާއި މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމުގައެވެ.

ޔަމަންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ގެދޮރުގެއްލި ރެފިއުޖީންނަށްވެފައިވާ އެގައުމުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ޖަމިއްޔާ އެއްކަމަށްވާ އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަނުންވެސްވަނީ ސައޫދީ އަރަބިޔާއިން ދެމުންގެންދާ ހަމަލާތަކުގެ ތެރެއިން ދެ ހަމަލާއެއް ޔަމަންގެ އުތުރުގައިވާ ރެފިއުޖީ ކޭންޕަކަށް އަމާޒުވެ 45 މީހުން މަރުވެފައިވާކަން ކަށަވަރު ކޮށްދީފައެވެ. އަދި މަރުވިމީހުންގެ ތެރޭގައި ގިނައީ ރެފިއުޖީ އަންހެނުންނާއި ކުޑަކުދިން ކަމަށްވެސް އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަންގެ ތަރްޖަމާން ޖުވައިލް މިލިމާން ވިދާޅުވި އެވެ.

ސައޫދީ އަސްކަރީ މަތިންދާބޯޓުތަކުން ހަމަލާތައް ދިން ތަންތަނުގެ ތެރޭގައި ޔަމަންގެ އުތުރުގައިވާ އަލްމުރްޒުގް ރެފިއުޖީ ކޭންޕް ހިމެނެއެވެ. މި ހަމަލާތަކުގައި 45 މީހުން މަރުވެ 20 މީހުން ޒަޚަމްވުމުގެ އިތުރުން ރެފިއުޖީ ކޭންޕްގެ ބޮޑުބައެއްވެސް ހަލާކުވެފައިވާ ކަމަށް އެހީދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

މި ޚަބަރުތަކާގުޅިގެން ދެއްވި ބަޔާނެއްގައި ސައޫދީ އަސްކަރީ ތަރްޖަމާން އަހްމަދު އުސައިރީ ވިދާޅުވީ، ސައޫދީންގެ ޙަމަލާތައް ޔަމަންގެ އުތުރުގައިވާ އަލްމުރްޒުގް ރެފިއުޖީ ކޭންޕަށް އަމާޒުވެ ކުށެއްނެތް އެތަށް ބަޔަކު މަރުވި މައްސަލަ ބަލަމުން ގެންދާ ކަމުގައެވެ.

ޔަމަނަށް ދޭ ވައިގެ ހަމަލާތަކަކީ އެގައުމުގެ އިދިކޮޅު ބައިމަދު ޙޫޘީ ޖަމާއަތާއި ކުރީގެ ރައީސް ސާލިޙް ގެ އަމާޒުތަކަށް ދޭ ހަމަލާތަކެއް ކަމަށް ސައޫދީ ސަރުކާރުން ބުނެއެވެ. އަދި ޔަމަންގެ ރައީސް އަބްދު ރައްބުމަންސޫރު ހާދީ އާ ވެރިކަން ޙަވާލުކުރުމަށް ޙޫޘީ ޖަމާއަތުން އެއްބަސްވަންދެން ޙަމަލާތައް ކުރިޔަށް ގެންދާނެ ކަމަށްވެސް ސައޫދީ ސަރުކާރުން ބުނެއެވެ.

ޔަމަނަށްދޭ ހަމަލާތައް ކުރިޔަށްދަނީ ގަލްފުގެ އަރަބި އެހެން ގައުމުތަކާއި މިސްރުވެސް ބައިވެރިވާ ކޯލިޝަނަކުންނެވެ. ނަމަވެސް އެހަމަލާތައް މައިގަނޑު ގޮތެއްގައި ދެނީ ސައޫދީ ފައިޓަރ ޖެޓްތަކުންނެވެ.

ޔަމަނާ ދެކޮޅަށް ވައިގެ މަގުން ހަމަލާތައް ދޭންފަށާފައިވަނީ އެގައުމުގެ ބައިމަދު ޖަމާއަތެއް ކަމަށްވާ ޙޫޘީ ޖަމާއަތާއި ކުރީގެ ރައީސް އަލީ އަލީ އަބްދުﷲ ސާލިޙް ގެ ބާރުތަކުން ޔަމަންގެ ޝަރުޢީ ރައީސް އަބްދު ރައްބު މަންސޫރު ހާދީ ހިސާރުކޮށް ޔަމަންގެ ވެރިކަމަށް އަތްގަދަ ކުރުމަށް މަސައްކަތް ފެށުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ހޫޘީންގެ ފަހަތުގައިވަނީ އީރާން ކަމަށްވަނީ ތުހުމަތު ކުރެވިފައެވެ. ނަމަވެސް ސައޫދީން މިހާރު ޔަމަނަށް ދޭ ހަމަލާތަކުން އެގައުމުގެ އާންމުން މަރުވަމުންދާތީ އެޙަމަލާތައް ދިގުމުއްދަތަކަށް ކުރިޔަށް ނުގެންދެވޭނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ. އަދި ބާރުގެ ބޭނުންކޮށްގެން ޙޫޘީން ބަލިކުރުމަށްފަހު އެމީހުންނާއި ކުރީގެ ރައީސް ސާލިހަށް ތާއީދުކުރާ ފަރާތްތައް ސުލްހައިގެ މޭޒުދޮށަށް ގެނެސް ޔަމަންގެ ސިޔާސީ މައްސަލަތައް ހައްލުކުރުމުގެ ކަންތަކުގައި އެދެފަރާތުގެ އެއްބާރުލުން ހޯދުމަކީވެސް ސައޫދީންނަށް ކުރެވިދާނެ ކަމެއްތޯވަނީސުވާލު އުފެދިފައެވެ.

ވައިގެ ހަމަލާތައް ނާކާމިޔާބުވެއްޖެނަމަ އެއްގައުމު މަގުން ޔަމަނަށް އަރައި ހަނގުރާމަ ކުރުމަކީވެސް ނެތްކަމެއް ނޫންކަމަށް ސައޫދީ މަސްއޫލުވެރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިފަދަ ޙާލަތެއްގައި ސަަޢޫދީ ސިފައިންގެ ގިނައަދަދެއްގެ ބަޔަކު މަރުވުމުގެ ފުރްސަތު އޮތުމުގެ އިތުުރުން މިކަމުގެ ޚަރަދު އިންތިހާއަށް ބޮޑުވެގެންދާނެތީ ސައޫދީ އިސްކޮށް ޔަމަންގެ ހޫޘީންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންގެ މުސްތަގްބަލްވަނީ ނޭނގުމެއްގެ ތެރޭގައެވެ. (ރޮއިޓާސް)