31 Mar 2015, 10:15
އިމްޕޯޓް، އެކްސްޕޯޓް ގާނޫނަށް ބަދަލު ގެނެވިފައިނުވާތީ، ސައިކަލާއި ގާމެންޓްސްގެ ޑިއުޓީ މާދަމާއިން ފެށިގެން ނެގޭނީ ބޮޑުކުރި އަދަދުތަކުން ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
ސައިކަލުން މިހާރު ނަގަމުން އަންނަ 100 ޕަސެންޓް ޑިއުޓީ، 150 ޕަސެންޓަށް ބޮޑުކުރަން ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ. ނަމަވެސް ފަހުން ސަރުކާރުން ނިންމީ އެއަދަދު ބޮޑުނުކުރުމަށެވެ. އަދި ކުރިން 15 ޕަސެންޓް ގާމެންޓްސްގެ ޑިއުޓީ މާދަމާއިން ފެށިގެން ކަނޑާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ކަސްޓަމްސްގެ ސީނިއާ ސްޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު މިއަދު ސަން އަށް ވިދާޅުވީ އެ ދެބާވަތުގެ ޑިއުޓީ ބޮޑުނުކުރަން ސަރުކާރުން ފަހުން ނިންމާފައިވީނަމަވެސް އަދި އެގާނޫނަށް އިސްހާލު ގެނެވިފައިނުވާތީ މިރޭ 12:00 އިން ފެށިގެން ޑިއުޓީ ނެގޭނީ ގާނޫނުގައި އޮތްގޮތަށް ކަމަށެވެ.
"ސައިކަލުން ހަމަ 150 ނަގާނެ. ގާނޫނަށް އަމަލު ކުރެވޭނީ ހަމަ ގާނޫނު އަލުން އިސްލާހު ކުރެއްވީމަ. ނުކުރާހާ ހިނދަކު އަޅުގަނޑުމެން 150 ނަގާނީ ސައިކަލަކުން،" ނިޔާޒު ވިދާޅުވި އެވެ.
އެކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީގެ އިސްއޮފިޝަލަކު ވިދާޅުވީ، ފެށޭ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އަލަށް ގެންނަ އިސްލާހުތަކާއެކު ބިލް ފާސްކުރެވިގެންދާނެ ކަމަށެވެ. އޭރުން ސައިކަލާއި ގާމެންޓްސްގެ ޑިއުޓީ ކުޑަކުރެވޭއިރު ގާނޫނަށް ބަދަލު އަންނަންދެން އެ ދެބާވަތުން ބޮޑުކޮށް ނެގޭ ޑިއުޓީގެ ބަދަލު އަނބުރާ ދެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. ބިލަށް ގެންނަ އިސްލާހުގައި އެކަން ހިމަނާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.