21 Feb 2011, 12:02
މާލޭ ފަޅުތެރޭގައި އޮތް ދޯންޏަކުން ރޭ ފަތިހު 11،300ރ. ވަގަށް ނެގި މީހަކު ފުލުހުން އަތުލައިގެންފި އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމްޓީސީސީ ކުރިމަތީ ފަޅުތެރޭގައި އަޅާފައި އޮތް މަސް ދޯންޏަކުން ރޭ ފަތިހު ވައްކަން ކުރި މީހާއަކީ އުމުރުން 20 އަހަރުގެ ދިވެއްސެއް ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރީ އާންމުފަރާތަކުން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
"އޭނާ ދޯނިން ވައްކަން ކުރި ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމާ ގުޅިގެން، އެ ސަރަހައްދަށް ގޮސް އޭނާ އުޅޭ ތަން ބަލައި ފާސް ކުރުމުން ފައިސާތައް ފެނިފައި ވަނީ."
ފުލުހުން ބުނީ އޭނާ ހައްޔަރު ކުރި އިރު، 600 ރ. ފިޔަވައި އަނެއް 10،700ރ. އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ. އެ ހުރިހާ ފައިސާ އަކީ ވެސް ނިދާފައި އޮތް މީހެއްގެ ވޮލަޓުން ނަގާފައިވާ ފައިސާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ ހައްޔަރު ކުރި މީހާއަކީ އާންމުކޮށް ފަޅުތެރޭގައި އަޅާފައިވާ އެ ދޯންޏަށް އަރައިއުޅޭ މީހެއް ކަމަށެވެ.
ފުލުހުން ބުނީ އޭނާ އަކީ އެހެން ދޯންޏެއްގެ ފަޅުވަރިއެއް ކަމަށެވެ.