މުޒާހަރާތަކުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް އާއި އެ ސްޓޭޝަންގެ ކެމެރާމަން އާދަމް ޒަރީރު ދޫކޮށްލައިފި އެވެ.

އެ ދެ ނޫސްވެރިންގެ ބަންދަށް ކްރިމިނަލް ކޯޓުން ޖަހާފައިވާ ބަންދުގެ މުއްދަތު ހަމަވާނީ މާދަމާއަށެވެ. ނަމަވެސް ބަންދުގެ މުއްދަތު ހަމަވުމުގެ އެއް ދުވަސް ކުރިން އެ ނޫސްވެރިން ދޫކޮށްލި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

މިއަދު ބަންދުން ދޫކޮށްލި ރާއްޖެ ޓީވީގެ ކެމެރާމަން ޒަރީރު "ސަން" އަށް ބުނީ ދެ ނޫސްވެރިން ދޫކޮށްލީ މިރޭ 7:30 ހާއިރު އަތޮޅުވެއްސަށް ގެންދިއުމަށްފަހު ކަމަށެވެ.

"ވަކި އެއްޗެއް ވެސް ނާންގާ އަޅުގަނޑުމެން ދޫކޮށްލިއިރަކު. ފުލުހުން ނުބުނޭ އެއްވެސް އެއްޗެއް. އަދި ދޫކޮށްލުމަކުން އެއްވެސް ޝަރުތެއް ވެސް ނުކުރޭ،" ޒަރީރު ބުންޏެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ކެމެރާމަން އާދަމް ޒަރީރު ހައްޔަރުކޮށްފައި ވަނީ އެމްއެމްއޭ ސަރަހައްދުގައި ބެރިކޭޑު ޖަހާފައި ވަނިކޮށް އެތަނަށް ނުވަނުމަށް ބުނެފައި ވަނިކޮށް އެ ސަރަހައްދަށް ވަނުމުން ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިން މިއަދު ދޫކޮށްލިއިރު، މުޒާހަރާއިން ހައްޔަރު ކުރި ޗެނަލް ވަންގެ ނޫސްވެރިޔާ މުހައްމަދު ނިޔާޒު ވެސް ވަނީ މިއަދު ދޫކޮށްލާފަ އެވެ. އޭނާ ދޫކޮށްލީ ކޯޓުންނެވެ.

ހައްޔަރުކޮށްފައި ތިބި ތިން ނޫސްވެރިން ދޫކޮށްލާފައިވާއިރު އެ ތިން ނޫސްވެރިން ބަންދުގައި ތިބިއިރު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވެސް ބައްދަލުކޮށްފަ އެވެ.