30 Mar 2015, 17:39
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހ. ހަންޑްރެޑްފްލާވާސް ޖައިލަމް އަހްމަދު ޝާކިރު މަރާލި މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ޕީޖީ އޮފީހަށް ފުލުހުން ފޮނުވާފައި ވަނީ އިއްޔެގެވަގުތެއްގަ އެވެ.
ޖައިލަމަށް ވަޅިން ހަމަލާދީފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ އޭނާ ގެކައިރީގައި ހުއްޓައި ސައިކަލުގައި ބަޔަކު އެވެ.
ޖައިލަމްގެ ގައިގެ 12 ތަނަކަށް ތޫނުއެއްޗަކުން ހަމަލާދީފައި ވެއެވެ. އޭޑީކޭ ހޮސްޕިޓަލުން ބުނީ އޭނާ އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.