ރާއްޖޭގައި ހުރި ހުސް ވަޒީފާތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ނޭޝަނަލް ކެރިއާ ގައިޑެންސުން ހޮޓް ލައިނެއް ތައާރަފްކޮށްފި އެވެ.

ނޭޝަނަލް ކެރިއާ ގައިޑެންސުގެ އެސިސްޓެންޓް ޑިރެކްޓާ ހަސަން ޝަރީފް މިއަދު ވިދާޅުވީ ރާއްޖޭގައި މިވަގުތު ހުރި ހުސްވަޒީފާތަކާ ބެހޭ މައުލޫމާތު 1456 ނަމްބަރުން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8 ކުން ހަވީރު 4 ކަށް ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.

"ހޮޓްލައިން އިން އަޅުގަނޑުމެން މި ފޯރުކޮށްދެނީ އެ ވަގުތަކު ހުރި ހުސްވަޒީފާތަކާ ގުޅޭ މައުލޫމާތު. އެއީ ވަޒީފާ ހޯދާ ފަރާތްތަކަށް މި ވަގުތަށް ހުރި ހުސްވަޒީފާތަކަކީ މިވެނި ވަޒީފާތަކެއްކަން އަޅުގަނޑުމެން އޮޅުން ފިލުވައިމިދެނީ. މިއީ ހިލޭ ގުޅާލައިގެން މައުލޫމާތު ހޯދޭނެ ނަމްބަރެއް،"ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހޮޓްލައިން މެދުވެރިކޮށް އަލަށް ވަޒީފާތަކަށް ނިކުންނަ ކުދިންނަށް ސީވީ ތައްޔާރުކޮށްދިނުމާއި އަދި އިންޓަވިއުއަށް ތައްޔާރުވާނެ ގޮތާ ގުޅޭ މައުލޫމާތު ވެސް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

"ހުސްވަޒީފާތަކުގެ އިތުރުން އެބަ ފޯރުކޮށްދެން ސީވީ އާއި ކަވާލެޓާ ތައްޔާރު ކުރާނެ ގޮތް. އަޅުގަނޑުމެން އެ މައުލޫމާތު މިދެނީ ސުކޫލް ނިންމާފައި ވަޒީފާތަކަށް ދާން ތައްޔާރުވާ ކުދިންނަށް. ކޮންމެ ދުވަހަކު ވެސް އެ މައުލޫމާތުތައް އެބަދެވޭ،"ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގައި ހުރި ހުސް ވަޒީފާތަކުގެ އަދަދުތަކާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް ކެރިއާ ގައިޑެންސުން ފައްޓަވާފައިވާ ސާވޭ ނިމުމުން އެ ސެންޓަރުގެ ވެބްސައިޓު މެދުވެރިކޮށް ހުސްވަޒީފާތަކާ ގުޅޭ މައުލޫމާތު ލިބޭނެ ގޮތް ހަމަޖެހިގެން ދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ކެރިއާ ގައިޑެންސް ސެންޓަރުން މިއަދު ބުނީ މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި ކުރިއަށްގެންދާ އެ ސާވާގެ ބޮޑުބައި މިހާރު ވެސް ނިމިފައިވާ ކަމަށެވެ.