31 Mar 2015, 13:44
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް ލިބޭ ރިސްކް އެލަވަންސް، އެސިސްޓެންޓް ޓީޗަރުންނަށާއި އެހެން އެކުދިންނާއެކު އުޅޭ އިތުރު މަސައްކަތު މީހުންނަށްވެސް ލިބެން ޖެހޭ ކަމަށް ޑިސެބިލިޓީޒް އެމްބެސެޑަރު އަހުމަދު ހިޝާން ވިދާޅުވެއްޖެ އެވެ.
އިމާދުއްދީންގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ހިޝާން އިއްޔެ ވިދާޅުވީ، އެމީހުންނަށް އެލަވެންސް ދިނުމަށް ސަރުކާރުން ވިސްނަން ޖެހޭ އިރު އެމީހުން ކުރާ މަސައްކަތަކީ ބުރަ މަސައްކަތަކަށް ވުމުން އެކަމުގެ އަގުވަޒަން ކުރަން ޖެހޭ ކަމަށެވެ.
"ޓީޗަރުން އަދި އެހެން ފަރާތްތަކުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަޅާލައި ބެލެހެއްޓުމަކީ ގައުމީ މަސައްކަތެއް. އެ ކަންތައްތަކަކީ ހަނދާން ނައްތާލެވޭނެ ކަންތައްތަކެއް ނޫން. އަޅުގަނޑު ސަރުކާރަށް ގޮވާލަން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޓީޗަރުންނަށް މި ލިބޭ ރިސްކް އެލަވެންސް އެފަރާތްތަކުގެ އެސިސްޓެންޓް ޓީޗަރުންނަށާއި އަދި މަސައްކަތު މީހުންނަށް ވެސް ލިބޭނެ ނިޒާމެއް ގާއިމް ކުރަން،" އޭނާ ވިދާޅުވި އެވެ.
ހިޝާން ފާހަގަކުރެއްވި ގޮތުގައި އިންފްލައިޓް ކޭޓަރިން އަކީ ހާއްސަ އެހީއަށް ބޭނުންވާ ގިނަ ބަޔަކު މަސައްކަތް ކުރާ ތަނެކެވެ. އަދި ރާއްޖޭގައި ވެސް އިންފްލައިޓް ކޭޓަރިން އެއް ހުރި އިރު އެތަނުން ރާއްޖޭގެ ކުދިންނަށް ވަޒީފާގެ ފުރުސަތުތަކެއް ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.