ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް، ގެންގުޅުމުގެ ކުށުގައި 11 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑު މުހައްމަދު ނާޒިމް ސިއްހީ ފަރުވާ ހޯދުމަށް މާލެ ގެނެސްފި އެވެ.

ނާޒިމްގެ އާއިލާ ބޭފުޅަކު މިއަދު "ސަން"އަށް ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ނާޒިމް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެނެސްފައިވާ ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމަށްފަހު ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުންގެ ބަންދުގައި ހުރެ ޝަރީއަތްތަކަށް ނާޒިމް ހާޒިރު ކުރެއްވިއިރު ވެސް އޭނާ ވަނީ ސިއްހީ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް ކޯޓުގައި އެދިފަ އެވެ. ނާޒިމް ކޯޓުގައި އެދުނީ އޭނާގެ ހަށިގަނޑަށް ގެއްލުންވާފަދަ ބައްޔެއް ހުރުމުން ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ހޯދުމުގެ ހުއްދައަށެވެ.

ފުލުހުންގެ ބަންދުގައި ހުރުމަށްފަހު ނާޒިމް ވަނީ ގޭބަންދަށް އެއްކޮށް ބަދަލު ވެސް ކޮށްފަ އެވެ. އޭނާ ގޭބަންދަށް ބަދަލުކުރުމަށް ފަނޑިޔާރުން ހުއްދަ ދެއްވީ އޭނާގެ ސިއްހީ ހާލުކޮޅުހުރިގޮތުން، ނާޒިމްގެ ގާނޫނީ ވަކީލުން އޭނާ ގޭބަންދަށް ބަދަލުކޮށްދެއްވުމަށް އެދުމުންނެވެ.

ޝަރީއަތުގެ މަޖިލީހުގައި ނާޒިމްގެ ސިއްހީ ހާލުކޮޅު ހުރިގޮތް ކުރުގޮތަކަށް ކިޔާ ދިނުމަށް އެދުމުން ނާޒިމް ވިދާޅުވީ އޭނާގެ ސިއްހީ ހާލަތު މީޑިއާގެ ކުރިމަތީގައި ހާމަ ކުރަން ބޭނުން ނުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ނާޒިމަށް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އިއްވި ޖަލު ހުކުމުގައި ބުނެފައި ވަނީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު ފިސްތޯލައަކީ އޭނާގެ އެއްޗެއްކަން ހެކީންގެ ހެކިބަހުންނާއި ނާޒިމްގެ ކަބަޑުން ފިސްތޯލަ ފެނުނު ކަމަށް ބުނެ ނާޒިމް ދީފައިވާ ބަޔާނަށް ބެލުމުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި ނާޒިމް ދިރިއުޅުއްވި އެޕާޓްމެންޓުން ފެނުނު ހަތިޔާރަކީ އޭނާގެ އެއްޗެއް ނޫންކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ނާޒިމުގެ ފަރާތުން ހުށަހަޅާފައި ނުވާތީ އެއީ ނާޒިމުގެ އެއްޗެއްކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

ޝަރީއަތުގެ މަޖިލީހުގައި އިއްވި ހުކުމުގައި އިތުރަށް ފާހަގަކޮށްފައި ވަނީ ދިފާއީ ހެކީގެ ގޮތުގައި "ހެކި އުފެއްދުމަށް" ނާޒިމްގެ ވަކީލުން މަސައްކަތް ކޮށްފައިވާ ކަމަށާއި، އެމްއެންޑީއެފްގެ ފިސްތޯލައެއް ގެއްލިފައިވާ ކަމަށް ބުނެ ނާޒިމްގެ ފަރާތުން ހުށަހަޅާފައިވާ ރިޕޯޓުން އެކަން ސާބިތުވާ ކަމަށެވެ. އަދި އެ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ނޫންކަމަށާއި، އެމްއެންޑީއެފްގެ އެއްވެސް ހަތިޔާރެއް މަދު ނޫންކަން އެމްއެންޑީއެފުން ކޯޓަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ކަމަށެވެ.