ކޮންޓްރޯލަރު އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސެއިން އިބްރާހީމް ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރަށް ބަދަލުކުރައްވައި، އެ ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނެވި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ އަބްދުﷲ ޝާހިދު، ކޮންޓްރޯލާގެ މަގާމަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހަމަޖައްސަވައިފައިވާކަން އިތުބާރު ހުރި ގޮތަކަށް ސަން އަށް ކަށަވަރުވެއްޖެ އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، އެ ދެ ބޭފުޅުންނަށް މިއަދުގެ ވަގުތެއްގައި މަގާމުގެ ޗިޓު ފޮނުއްވާނެ ކަމަށެވެ. ނަމަވެސް، މި ބަދަލު ގެންނަވާ ސަބަބެއް ވިދާޅެއް ނުވެ އެވެ.

ކޮންޓްރޯލާގެ މަގާމުން އިލްޔާސް ދުރުކުރެއްވުމަށް ރައީސް ނިންމަވާފައި މިވަނީ، 500 މިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލް މަޝްރޫއު ކުރިއަށް ގެންދިޔުމުގައި އިމިގްރޭޝަނުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސައްކަތް ހުއްޓުވިތާ ކުޑަދުވަސްކޮޅެއް ތެރޭގަ އެވެ. އަދި އެ މަސައްކަތް ހުއްޓުވުމުގެ ފަހަތުގައި ވަނީ އެމްޑީޕީގެ އިސް ބޭފުޅުންކޮޅެއް ކަމަށް ވިދާޅުވެ، އިލްޔާސް ކަމާ ބެހޭ މުއައްސަސާތަކަށް ފޮނުއްވާފައިވާ ރިޕޯޓެއް ވެސް ލީކުވެފައި ވަނިކޮށެވެ.