30 Mar 2015, 16:55
ހާއްސަ އެހީއަށް ބޭނުންވާ ކުދިން ވަޒީފާގެ ބާޒާރަށް ނެރުމަށްޓަކައި ހިންގާ "ކައްކާ ކްލާހުގައި" ބައިވެރިވި އިމާދުއްދީން ސްކޫލުގައި ތައުލީމް ހާސިލްކުރާ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޝެފް ޔުނިފޯމް ހަވާލު ކޮށްފިއެވެ.
މިއަދު އިމާދުއްދީން ސްކޫލުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި 14 ދަރިވަރަކަށް އެ ޔުނިފޯމް ލިބިފައިވެ އެވެ. އެ ކުދިންނަށް އެ ޔުނީފޯމް ހަދިޔާކޮށްދެއްވީ ދަރުމަވެރި އެކެވެ. އޭނާއަކީ އެ ކުދިންނަށް ކައްކާ ކޯސް ހިންގި "ކޭކް ލައިން"ގެ މެނޭޖިން ޑިރެޓަރު އައިމިނަތު ނާޒްލީ އެވެ.
ތިން ބަޔަކަށް ކުރިއަށް ގެންދާ އެ ކޯހުގައި ދަސްކޮށްދޭނީ ގޭގައި އެންމެ އާންމު ހާލަތުގައި ވެސް އަމިއްލައަށް ކައްކަން ދަސް ކޮށްދިނުމާއި ޕޭސްޓްރީ އަޅަން ދަސްކޮށްދިނުމާއި ބަނަހާއި މަފިން ފަދަ ތަކެތި ހެދުމަށް ދަސް ކޮށްދިނުމުގެ މައްޗަށް ކަމަށް ނާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ ރެސިޕީއެއް ވެސް ވަނީ އެ ކުދިންނަށް ފަސޭހަ ވާނޭ ގޮތަށް ތައްޔާރު ކުރެވިފައި ކަމަށާއި އެ ހަވާލުކޮށްފައި ވަނީ ޓެސްޓު ކުރުމަށް ފަހުގައި ކަމަށެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީ އެހެން އެންމެނެކޭވެސް އެއް ފަދައިން ވަޒީފާގެ ފުރުސަތު ލިބެން ޖެހޭ ކަމަށާއި ވިޔަފާރިވެރިން އެކުދިންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދޭން ޖެހޭނެ ކަމަށް އޭނެ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ހުރިހާވެސް އުއްމީދަކީ ވަޒީފާގެ ބާޒާރަށް ވިޔަފާރިވެރިންނާ އެހެން ފަރާތްތަކުން މި ކުދިންގެ މަސައްކަތް ބަލައިގަނެ މިކުދިންނަށް ފުރުސަތުތައް ހޯދައިދިނުން،" އޭނާ ވިދާޅުވިއެވެ.
ނާޒްގެ އެންމެ ބޮޑު އުއްމީދަކީ އެ ކުދިންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް، ވިޔަފާރިވެރިން ތަނަވަސް ކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކުދިންނަށް ޕްރޮފެޝަނަލް ފެންވަރަށް ތަމްރީން އާއެކު ކިޔަވައިދޭ ކުދިން ކަމަށް ނާޒް ވިދަޅުވިއެވެ.