އިގްތިސޯދީ ހާއްސަ ހާލަތެއް ދިމާވެފައިވާ ކަމަށް ބުނެ ސަރުކާރުން މިދިޔަ އަހަރު ހުއްޓުވި، އައިޖީއެމްއެޗުގެ ގޯތިތެރޭގައި ހަދާ 11 ބުރީގެ އިމާރާތުގެ މަސައްކަތް ކުރިން ވެސް އެއްބަސްވެފައިވާ އަގަށް އަމިން ކޮންސްޓްރަކްޝަނާ އިއްޔެ ހަވާލުކޮށްފި އެވެ.

އައިޖީއެމްއެޗުގެ މީޑިޔާ ކޯޑިނޭޓާ ޒީނަތު އަލީ ހަބީބު އިއްޔެ ވިދާޅުވީ އެ އިމާރާތުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރެއްވީ ކުރިން އެ މަސައްކަތް ކޮށްދިނުމަށް އެ ފަރާތާ އެކު މީގެ ކުރިން ވެސް އެއްބަސްވެފައިވާ އަގު، 62 މިލިޔަން ރުފިޔާ އަށް ކަމަށާއި މިހާރު އިތުރަށް ނުނިމި ހުރި މަސައްކަތް ނިންމުމަށް 34 މިލިޔަން ރުފިޔާ ހޭދަވާނެ ކަމަށެވެ.

"ކުރިން ވެސް އެ މަސައްކަތް ކުރުމަށް އެބޭފުޅުންނާ އެކު އެއްބަސްވެފައިވާ އަގަށް އެ މަސައްކަތް ކޮށްދިނުމަށް (އަމީން ކޮންސްޓްރަކްޝަންގެ) އެއްވެސް އިއުތިރާޒެއް ނެތް. މިހާރު އިތުރަށް ނިންމަން ހުރި ކަންކަމަށް 34 މިލިޔަން ރުފިޔާ ހަރަދުވާނެ،" ޒީނަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ އިމާރާތުގެ ސަބަބުން ހޮސްޕިޓަލުގެ ޖާގައަށް 100 އެނދު އިތުރުވާނެ ކަމަށާއި އިދާރީ ބަޔާއި ކެންޓީނެއް ވެސް އެ އިމާރާތުގައި ހުންނާނެ ކަމަށެވެ.

އަމިން ކޮންސްޓްރަކްޝަން އިން އިއްޔެ ބުނީ އެ އިމާރާތުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.
އާ އިމާރާތުގެ މަސައްކަތް 10 މަސް ދުވަހުގެ ތެރޭގައި ނިމައި އަންނަ ޑިސެމްބަރު މަހު އެ އިމާރާތް ބޭނުންކުރަން ފެށޭ ވަރުވާނެ ކަމަށް މާލޭ ހެލްތު ކޯޕަރޭޝަން އިން ބުންޏެވެ.