ވިއެޓްނާމް ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު، ވިއެން ތަން ތަންއާ، އިނގިރޭސިވިލާތުގެ އާ ސަފީރު ޖޯން ރޭންކިން، އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް އިއްޔެ އަރުއްވައިފި އެވެ.

އިއްޔެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަކިވަކިން ބޭއްވެވި ދެ ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށް ފަހު، ދެގައުމުގެ އާ ސަފީރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ތަހުނިޔާ ވިދާޅުވިއެވެ.

ވިއެޓްނާމްގެ ސަފީރާއެކު ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ވިއެޓްނާމާ ދެމެދު އޮތް ގުޅުމާއި، އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. މީގެއިތުރުން، އިޤްތިޞާދާއި ވިޔަފާރީގެ ރޮނގުން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

އިނގިރޭސިވިލާތުގެ ސަފީރަށް ފަތްކޮޅު އެރުވުމަށްފަހު ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، އިނގިރޭސިވިލާތުން ކުރިން ރާއްޖެ ކަނޑައަޅުއްވައިފަ ހުންނެވި ސަފީރާއި އިނގިރޭސި ސަރުކާރުން ރާއްޖެއަށް ޑިމޮކްރެސީ ތައާރަފްކޮށްދިނުމަށް ކުރެއްވި މަސައްކަތްތަކަށް ޝުކުރުއަދާކުރެއްވި އެވެ. ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގެ ތަރައްގީގައި މުހިންމު ދައުރެއް އިނގިރޭސިވިލާތުން އަދާކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ އަދި އިންގިތިސާދީ ހާލަތާ ގުޅޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.