30 Mar 2015, 09:46
ދުންމާރިއާއި ކަށިގަނޑުގެ އަޑުތަކާއެކު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ފަށައިގެން ކުރިއަށް އެބަގެންދެ އެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުނު ފަހުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން އަންނަނީ މަޖިލީހުގައި އިހުތިޖާޖު ކުރަމުން ނެވެ. އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރަމުން އަންނަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެޕާޓީން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގައި ހައްޔަރުކޮށްފައިވާ ފަރާތްތަކަށް އަނިޔާ ލިބެމުން އަންނަ ކަމަށް ބުނެ އެވެ.
މިއަދުގެ ޖަލްސާގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އެޖެންޑާ ކުރެވިފައި ވަނީ ރައީސް ނަޝީދަށް އެމްޑީޕީގެ ރައީސްކަން ގެއްލިދާނެ ފަދަ ގޮތަކަށް މަޖިލީހަށް ހުށަހަޅާފައިވާ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހު، ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓު ހުށަހެޅުމެވެ.
އަދި މި އިސްލާހަށް މަޖިލީހުގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދިނުން މިއަދުގެ ޖަލްސާގައި އޮންނާނެ އެވެ.
މަޖިލީހުގެ ރައީސްގެ މޭޒުކޮޅު ކައިރީގައި އެމްޑީޕީގެ ދެ މެމްބަރަކު އަޑުގަދަ ކުރާ ހިފައިގެން: ފޮޓޯ/ ރޮޒެއިނާ ޓުވިޓާ
މަޖިލީހުގެ ޖަލްސާ މިއަދުގެ އެޖެންޑާގައި އޮތީ ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ހުށަހަޅުއްވާ ޕަބްލިކް ސާވިސް މީޑިއާ ބިލުގެ ފުރަތަމަ ކިއުން އިއްވުމާއި މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވުމެވެ.
ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ހުށަހަޅުއްވާފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ހުށަހަޅުއްވާފައިވާ ގާނޫނޫލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރެއްވުން ވެސް މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައިވެ އެވެ.