30 Mar 2015, 09:38
ދިވެހިބަހުގެ އެކެޑަމީން އިންޑިިޔާއަށް ކުރާ ދަތުރުގެ ސަބަބުން ދިވެހިބަހާއި ދިވެހި ސަގާފަތް އިތުރަށް ތަރައްގީކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތު ލިބިގެންދާނެ ކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެއްޖެ އެވެ.
އިއްޔެ މެންދުރު އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން 'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި އަޝްރަފް ވިދާޅުވީ، ދިވެހި ތާރީޚާއި އެކި ގޮތްގޮތުން ގުޅިފައިވާ އިންޑިޔާގެ ސަހަރުތަކަށް މި ދަތުރުގައި ޒިޔާރަތްކުރާނެ ކަމަށެވެ.
" ބެންގަލޫރުން ފެށިގެން ގޮސް އަލީގަރާ ދެމެދުގައި ހުރި އިންޑިއާގެ އެންމެ ވަރުގަދަ އެކަޑަމީތަކަށާއި ދާރުލްއާސާރުތަކަށާއި އަރުޝީފްތަކަށް އަޅުގަނޑުމެން ދާނަން،" އަޝްރަފް ވިދާޅުވިއެވެ. މީގެ ތެރޭގައި ކަންނަންނޫރު ވެސް ހިމެނެ އެވެ.
އަދި މި ދަތުރުގައި ބަހުގެ އެކެޑަމީގެ ހިދުމަތް މިހާރަށްވުރެ ރަނގަޅު ކުރުމަށްފަންނީ ގޮތުންނާއި އިލްމީ ގޮތުން ލިބޭނެ އެހީތެރިކަަމަކީ ކޮބައިތޯ ބައްލަވާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.
ރާއްޖޭގައި ބަހާއި ތަރީޚާއި ގުޅޭ ދާއިރާގެ ފަންނީ ބޭފުޅުން މަދުކަމަށާއި އެހެންކަމުން މި ދަތުރުގައި މި ދާއިރާއިން ކުރިޔަށްދާން ބޭނުންވާ ފަރާތްތަކަށް ހުރި ފުރުސަތުތަކަކީ ކޮބައިތޯ ވެސް ބައްލަވާނެ ކަމަށް އަޝްރަފް ވިދާޅުވި އެވެ.
ދިހަ ދުވަހުގެ މުއްދަތަށް މި ކުރާ ދަތުރަކީ ސަރުކާރާއި އިންޑިޔާގެ ހައިކޮމިޝަނާއި ހެޔޮއެދޭ ބައެއް ފަރާތްތަކުގެ އެހީގައި ކުރާ ދަތުރެއް ކަަމަށް އަޝްރަފް ވިދާޅުވި އެވެ.