ކޮންމެ ފުލުހަކީ އެ ފުލުހަކު ހާއްސަ ވެފައިވާ ދާއިރާއިން ޑިޕްލޮމާ ހާސިލް ކޮށްފައިވާ ފުލުހަކަށް ދާދި އަވަހަށް ހެދިގެންދާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 82 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ހުސެއިން ވަހީދު ވިދާޅުވީ، ކޮންމެ ފުލުހަކީ ޑިޕްލޮމާ ފެންވަރަށް ތަމްރީން ކުރެވިފައިވާ ފުލުހަކަށް ހެދުމަށް ބައެއް ކޯސްތައް ފަރުމާ ކުރެވިފައިވާއިރު އަނެއްބައި ކޯސްތައް ފަރުމާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުންނަށް ތައުލީމް ދިނުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ދަނީ އެތައް މަސައްކަތެއް ކުރެވެމުން ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.

"ފުލުހުންގެ ހިދުމަތައް ގެންނަންޖެހޭ ޒަމާނީ ބަދަލުތައް ގެނައުމަށް ބޭނުންވާ އިލްމީ ގާބިލް ކަމާއި ތަޖުރިބާ، ފުލުހުންނަށް ހޯދައިދިނުމަށް ބުރަ މަސައްކަތްތަކެއް ދަނީ ކުރެވެމުން. ރާއްޖެއާއި ރާއްޖެއިން ބޭރުން ފުލުހުންނަށް ތަމްރީން ހޯދައިދީ ފުލުހުންގެ ޓްރެއިނިން އިންސްޓިޓިއުޓްގެ އިތުރުން ޕޮލިސް އެކަޑަމީން ތަމްރީންތަކެއް ގެންދިއުމަށް މަސައްކަތްތަކަށް ބަދަލުތަކެއް ދަނީ ގެންނަމުން،" ސީޕީ ހުސެއިން ވަހީދު ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ، ފުލުހުންގެ ވެލްފެއާ ކަންތައް ރަނގަޅުކުރުމަށް ސަރުކާރާއި އެކު މަޝްވަރާތައް ކުރަމުންދާއިރު މެދުކަނޑާލި އެލަވަންސެއް ކަމަށްވާ ފަންނީ އެލަވަންސް އާއި މަތީ ތައުލީމުގެ އެލަވަންސާއި ހިދުމަތުގެ އެލަވަންސް މިއަހަރު އަނެއްކާވެސް ދޭން ފަށާފައިވާ ކަމަށެވެ. ހައުސިން އެލަވަންސް 1500 ރުފިޔާއިން 2500 ރުފިޔާއަށް ބޮޑުކުރެވިފައިވާ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.

އަމާން މުޖުތަމައުއެއް ބިނާ ކުރުމަށް ކުރެވޭ މަސައްކަތާއެކު ފުލުހުން އަމާޒު ހިފަމުންދަނީ ރައްޔިތުން އެދޭފަދަ ބަދަލުތަކާއެއްގޮތަށް ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށާއި މަޝްވަރާތަކާއެކު ފުލުހުންގެ ހިދުމަތައް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.

"ފުލުހުންގެ މަސައްކަތައް ގެންނަ ބަދަލާއެކު އިއްޔެ ފުލުހުންގެ ހިދުމަތާއި ދޭތެރޭ ހިތްހަމަ ނުޖެހުނު އެތައް ރައްޔިތުންނެއް މިއަދު ފުލުހުންގެ މަސައްކަތައް ދަނީ ތައުރީފް ކުރަމުން،" ސީޕީ ހުސެއިން ވަހީދު ވިދާޅުވި އެވެ.

ތަހުގީގުތައް އަވަސް ކުރުމަށް ގިނަ މަސައްކަތަތެއް ކުރެވެމުން ދާއިރު ދާދި އަވަހަށް އޭގެ ނަތީޖާ ފެންނާނެ ކަމަށާއި އާ ގާނޫނީ އުގޫބާތަށް އަމަލު ކުރަން ފެށޭއިރު ފުލުހުން ވަނީ އެކަމަށް ތަމްރީނު ކުރެވިފައި ކަމަށްވެސް ސީޕީ ވިދާޅުވި އެވެ. އަދި މާރާމާރީތަކާއި ބިރުވެރިކަން ހުއްޓުވުމަށް ފުލުހުން ފަސްޖެހުމެއް ނެތި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"ފުލުހުން މަސައްކަތް ކުރަމުން މިދަނީ ވަކި ބައެއްގެ ހައްގު ހިމާޔަތް ކުރުމުގެ ބަދަލުގައި ތަފާތު ކުރުމެއް ނެތި މުޅި ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދީ ހިމާޔަތް ކޮށްދިނުމަށް،" ސީޕީ ވިދާޅުވި އެވެ.

ރާއްޖޭގެ ކޮންމެ ސަރަހައްދަކުން އެރަށެއްގައި ފުލުހުން ބައިތިއްބައިގެން ހިދުމަތް ދިނުމަށް ކައުންސިލްތަކުން އެދެމުންދާ ކަމަށާއި ނަމަވެސް ކޮންމެ ރަށެއްގައި ފުލުހުން ބައިތިއްބާނަމަ މިހާރަށް ވުރެ ގިނަ ފުލުހުން ހިދުމަތަށް ނެރެގެން ނޫނީ ރައްޔިތުން އެދޭފަދަ ހިދުމަތެއް މުޅި ރާއްޖެއަށް ދިނުމަކީ ދަތިކަމެއްކަމަށްވެސް ސީޕީ ހުސެއިން ވަހީދު ވިދާޅުވި އެވެ.