21 Feb 2011, 09:20
ބެންޣާޒީ : ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ވެރިކަން ވައްޓާލުމަށް ގޮވާލައި މުޒާހަރާކުރަމުންދިޔަ ލީބިޔާގެ އެތަށްހާސް ބަޔަކާ ދެކޮޅަށް ލީބިޔާގެ ސަލާމަތީ ބާރުތަކުން ބަރުހަތިޔާރު ބޭނުންކޮށްގެން ގެންދަނީ ޤަތްލު އާންމުތަކެއް ހިންގަމުންނެވެ.
މަންޒަރުދުށް މީހުން ބުނާގޮތުގައި ޤައްޒާފީގެ ވެރިކަން ވައްޓާލުމަށް ބެންޣާޒީގައި މުޒާހަރާކުރި ލައްކައެއްހާ މީހުންނާ ދެކޮޅަށް ލީބިޔާގެ ސަލާމަތީ ބާރުތަކުން ބޮޑުބަޑިއާއި ޢަސްކަރީ މަތިންދާބޯޓު ވައްޓާލުމަށް ބޭނުންކުރާ ބާވަތުގެ
ބަރުހަތިޔާރު ބޭނުން ކުރުމުގެ ސަބަބުން ދުއިސައްތައެއްހާ މީހުން މަރުވެ އެތަށް ސަތޭކަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.
ޤައްޒާފީގެ ވެރިކަން ވައްޓާލުމަށް ލީބިޔާގެ ރައްޔިތުން ފަށާފައިވާ މުޒާހަރާތަކުގައި ވޭތުވެދިޔަ ފަސްވަރަކަށް ދުވަހުގެ ތެރޭގައި ލިބިޔާގެ އެކިކަންކޮޅުތަކުގައި ކުރި މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކުގެ އަތްދަށުން 290 މީހަކު މަރާލެވިފައިވާއިރު 900 އަށްވުރެ ގިނަމީހުން ޒަޚަމްކޮށްލެވިފައިވާ ކަމަށް ލީބިޔާގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ.
ބައނަލްއަޤްވާމީ ފަރާތްތަކުން ބުނާގޮތުން ވެސް 223 މީހަކު މަރުވެ 800 އެއްހާމީހުންވަނީ ޒަޚަމްވެފަ އެވެ. ޒަޚަމްވެފައިވާ މީހުންގެ ޢަދަދު ގިނަކަމުން ބެންޣާޒީގެ އެންމެ ބޮޑު ހަތަރު ހޮސްޕިޓަލް ފުރިގެންބަންޑުންވެ އެތަށްބަޔަކަށް ފަރުވާނުދެވި ވާކަމަށް މިހޮސްޕިޓަލްތަކުގެ ބައެއް ޑޮކްޓަރުން އަލްޖަޒީރާއަށް ފޯނުން މަޢްލޫމާތު ދީފައިވެއެވެ.
މަންޒަރުދުށް ބައެއް މީހުން ބުނާގޮތުން މުޒާހަރާކުރި ރައްޔިތުންނަށް ބަރުހަތިޔާރުން ޙަމަލާދިނުމުގައި ލީބިޔާ ސިފައިންނަށްވުރެ ބޮޑަށް ހަރަކާތްތެރިވީ ޤައްޒާފީގެ ސަރުކާރުން ލީބިޔާއަށް ގެނަސްފައިތިބި ޔުގަންޑާއާއި ޗާޑްއާއި ނައިޖީރިޔާގެ ކުލީ ސިފައިންނެވެ.
އަނެއްކޮޅުން ޤައްޒާފީގެ ސަރުކާރުން ރައްޔިތުންނާ ދެކޮޅަށް މިހިންގާ އަނިޔާވެރި ޤަތްލު އާންމުތައް އާރުލާގޮތެއްގައި އެމެރިކާއާއި ޔޫރަޕުން ކުށްވެރިކޮށްފައެއް ނުވެއެވެ. އިޓަލީގެ ބޮޑުވަޒީރު ބަލުސްކޯނީ ވަނީ ޤައްޒާފީއަށް އުނދަގޫކުރަން ބޭނުންނުވާ ކަމަށް ވިދާޅުވެފައެވެ. ފަރަންސޭސިވިލާތުން އެކަށްޗެކޭވެސް ނުބުނެއެވެ.
އެމެރިކާގެ ރައީސް އޮބާމާ ވަނީ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތައް ޢާންމުވެފައިވާ ބަޙްރައިންއާއި ޔަމްންވެސް ޝާމިލްވާގޮތަށް ބާރުގެ ބޭނުންނުކުރުމަށް ހުރިހާ ފަރާތަކަށް ގޮވާލައްވާފައެވެ. އިނގިރޭސިވިލާތުންވެސް މާހަރުކަށި ގޮތެއްގައި ޤައްޒާފީގެ ޢަމަލުތައް ކުށްވެރި ކޮށްފައެއް ނުވެއެވެ. އިނގިރޭސި ސަރުކާރުންވަނީ މިއީ ޤަބޫލުކުރެވޭފަދަ ޢަމަލުތަކެއް ނޫންކަމަށް ބުނެ މުޒާހަރާކުރާ ފަރާތްތަކާ ވާހަކަ ދެއްކުމަށް ޤައްޒާފީގެ ސަރުކާރަށް ގޮވާލާފައެވެ.
މުހައްލިލުން ބުނާގޮތުން އެމެރިކާއާއި ޔޫރަޕުން ޤައްޒާފީގެ އަނިޔާވެރި ޢަމަލުތަކަށް ބީރުކަންފަތެއް ދެމުން ގެންދަނީ އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީއަށްވުރެ ހުޅަނގުގެ ޤައުމީ މަސްލަހަތު އިސްކުރުމުގެ ސިޔާސަތެއްގެ ދަށުންނެވެ.
2003 ވަނަ އަހަރު ހުޅަނގާ ސުލްހަވުމަށް ޤައްޒާފީ ހުޅަނގާއެކު އެއްބަސްވެފައިވަނީ ލިބިޔާގެ ނިއުކްލިޔަރ ޕްރޮގްރާމް ރޫޅާލައި ލީބިޔާގެ ތެލުގެ މުއްސަނދިކަމުން އެމެރިކާއާއި ޔޫރަޕްގެ ކުންފުނިތަކަށް ފައިދާ ނެގޭނެގޮތްތައް ތަނަވަސްކޮށްދިނުމުން އޭނާގެ ޚުދުމުޚްތާރު ވެރިކަން ދަމަހައްޓަން ހުޅަނގުން އެހީވާގޮތަށެވެ. ނަމަވެސް ޤައްޒާފީ ވެއްޓޭނެކަން ޔަގީންވެއްޖެނަމަ އޭނާގެ އަނިޔާވެރިކަމާއި ނުބައިކަމުގެވާހަކަ އާއި ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކުގެ ވާހަކަ ދައްކައި ލީބިޔާގެ ރައްޔިތުންނަށް ހަމްދަރްދީ ވާކަމުގެ ޝުޢޫރުތައް ފާޅުކޮށް ލީބިޔާގެ ވެރިކަމަށް ދެން އަންނަ ފަރާތްތަކުގެ ތާއީދުހޯދުމަށް އެމެރިކާއާއި ޔޫރަޕުން މުނާފިގު ދައުރެއް އަދާކުރާނެ ކަމަށް މިފަރާތްތަކުން ދެކެއެވެ.
ލިބިޔާިއިން އެންމެފަހުން ލިބުނު ޚަބަރުތައް ބުނާގޮތުން ސިފައިންގެ ހަތިޔާރުއެޅި ޔުނޓެއްވަނީ ސިފައިންގެ ލަޝްކަރުންތަކުން ވަކިވެ ޤައްޒާފީގެ ނިޒާމް ވައްޓާލަން މަސައްކަތްކުރާ ރައްޔިތުންނާ ބައިވެރިވެފައެވެ. އަދި ލިބިޔާގެ އެންމެ ބޮޑު ޤަބީލާވެސް ރޭގެވަގުތެއްގައިވަނީ ޤައްޒާފީގެ ވެރިކަން ވައްޓާލުމަށްޓަކައި ޖިހާދު އިޢްލާންކޮށްފައެވެ. އަދި މިހާތަނަށް ޤައްޒާފީގެ ވެރިކަމާ ދެކޮޅަށް ނުތެދުވާ ލިބިޔާގެ ހުޅަނގުގެ ރައްތަކުން ވެސް މިހާރުވަނީ އޭނާގެ ވެރިކަން ވައްޓާލުމަށް ޓަކައި ބިރު ކަނޑާލުމަށްފަހު ހާހުން މަގުތަކަށް ނުކުންނަން ފަށާފައެވެ. ބެންޣާޒީގެ ބޮޑުބައަކުން މިހާރުވަނީ ސަރުކާރުގެ ބާރުތައް ބޭރުކޮށްލުމަށްފަހު މުޒާހަރާކުރާ ފަރާތްތަކާއި އެމީހުންނަށް ވާގިވެރިވާ ލީބިޔާ ސިފައިންގެ ޔުނިޓެއްގެ ކޮންޓްރޯލްގައެވެ.
މުޒާހަރާކުރާ ރައްޔިތުންނާ ދެކޮޅަށް ލިބިޔާގެ ސަލާމަތީ ބާރުތަކުން އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކުރުން އެންމެ ބޮޑަށް ކުށްވެރިކޮށްފައިވަނީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކުންނެވެ. ޢަރަބި ބައެއް މުޙައްލިލުން ވިދާޅުވާގޮތުގައި ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް ޤައްޒާފީގެ ނިޒާމުން މިހިންގި ޖަރީމާތަކަކީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޤަތްލު އާންމުތައްފަދަ ހަނގުރާމައިގެ ޖަރީމާ ތަކެއް ކަމަށް ސިފަކޮށްފައެވެ. (އަލްޖަޒީރާ+ ނޫސްއެޖެންސީތައް)