29 Mar 2015, 23:08
މައްޗަންގޮޅި ގެއެއްގެ ފާހާނާ ތެރޭގައި މުސްކުޅި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މއ. މެންޝަން ހައުސްގެ ފާހާނާގައި މަރުވެފައި އޮށްވައި ފެނިފައި ވަނީ އަބްދުލް ރަހުމާން ނަމަކަށް ކިޔާ އުމުރުން 76 އަހަރުގެ މީހަކެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮތީ ފާހާނާގެ ތަށީމަތީގަ އެވެ.
އައިޖީއެމްއެޗްގެ ހެޑް އޮފް ޕަބްލިކް ރިލޭޝަން މުހައްމަދު ސައީދު މިރޭ ސަން އަށް ވިދާޅުވީ މިރޭ 10:20 ކަންހާއިރު އަބްދުލް ރަހުމާން އެ ހޮސްޕިޓަލަށް ފުލުހުން ގެނައި އިރު ވެސް އޭނާ އޮތީ މަރުވެފަ އެވެ.
އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ކަހަލަ ގެއްލުމެއް ފެންނަން ނެތް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
އެ މަރާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.