29 Mar 2015, 23:19
މާރާމާރީ ހިންގައި މީހުން މަރާ ގާތިލުންނަށް ވުރެއް ބޮޑަށް އެފަދަ އަމަލުތައް ހިންގުމަށް ހިތްވަރުދޭ މީހުން އެނގެން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 82 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރަހުމު ކުޑަކޮށް މީހުން މަރާ "މަގުމައްޗަށް ވައްޓާލުމަކީ" އެއްވެސް މުޖުތަމައުއަކުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެކަމުގައި ކަންބޮޑުވަނީ ކިތައް މީހުން ކަމާ މެދު މިއަދު ސުވާލު އުފައްދަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ﷲގެ އިރާދަކުރެއްވިއްޔާ ގާނޫނު އަނބުރާ އެ މީހުންނާ ހަމަކުރާއިރު މީގެ ހަގީގަތެއް އެނގޭއިރު މިކަން މި ކުރަނީ ކޮންބައެއްކަން ވެސް އަޅުގަނޑުމެންނަށް އެނގޭނެ. އަޅުގަނޑުމެންނަށް ހަމައެކަނި މުހިއްމީ މިކަން [މީހުން މަރާ އަދި މާރާމާރީ ހިންގާ] މީހުނެއް ނޫން. މިކަންކަމަށް ހިތްވަރުދޭ މީހުން އަޅުގަނޑަށް އެނގެން މާ ބޮޑަށް ވެސް މުހިއްމު،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރާއްޖޭގެ ހަމަޖެހުން ނަގާލާ ބަޔަކީ މާރާމާރި އާއި މީހުން މެރުމަށް ހިތްވަރުދޭ މީހުން ކަމަށެވެ. ރައީސް ވިދާޅުވީ އެފަދަ މީހުން އުޅޭހާ ހިނދަކު ކިތަންމެ މަސައްކަތެއް ފުލުހުން ކުރިޔަސް އެކަންކަން ހުއްޓުވުމަށް ދަތިވާނެ ކަމަށެވެ. އެހެންކަމުން އެފަދަ އަމަލުތަކަކީ މިއަދުގެ ސަރުކާރަށް "ޓޮލަރޭޓު" ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"ހަގީގަތުގައި ދިވެހިރާއްޖޭގައި ހަމަޖެހުން ނަގާލާ މީހުންނަކީ މިދެންނެވި މީހުން. އެހެންވެ ފުލުހުންގެ ހިދުމަތަށް 82 އަހަރު ފުރިގެންދާއިރު މިކަންތައްތައް އަޅުގަނޑުމެންގެ ހިޔާލަށް ގެންނަން މިޖެހެނީ މިއީ އަޅުގަނޑުމެންގެ ކޯ ވެލިއުތައް. މިއީ އަޅުގަނޑުމެން ގަބޫލުކުރާ ކަންތައްތައް. އަދި އަޅުގަނޑުމެންނަށް ކަރާމާތްތެރި ކަމަށް މުގައްދަސް ކަމަށް ގަބޫލު ކުރާ ކަންތައްތަކަކީ މިއީ. މިދެންނެވި ކަންތައްތައް ޔުނީފޯމްގައި ތިބެގެން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އަދި ތިބޭފުޅުންގެ [ފުލުހުންގެ] ފުރާނައަށް ގެއްލުންވާ ގޮތަށް ނުކުތް ކަމުގައި ވިއަސް މި ދެންނެވި ކަހަލަ ރަހުމު ކުޑަ އަމަލުތައް ދިވެހިރާއްޖޭގައި މިއަދު ހިނގާތީ އަޅުގަނޑުމެން ހިތާމަކުރަންޖެހޭ،" ރައީސް ޔާމިން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އެއީ ޑިމޮކްރަޓިކް މުޖުތަމައުއަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި ކަމަށްވާނަމަ އެންމެ ފުރަތަމަ ވެސް އަޑުގަދަ ކުރަމުންދާނީ "އިންސާނީ ހައްގުތަކުގެ ނަމުގައި" މަސައްކަތް ކުރާ ފަރާތްތައް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
މިއަދު ދުނިޔޭގައި އެންމެ ބޮޑަށް ދެކެވިގެން އަންނަ ވާހަކައަކީ ފުލުހުންގެ މުއައްސަސާ ވެސް ޑިމޮކްރަޓިކް ނިޒާމުން ހިންގުން ކަމަށާއި އެހެންކަމުން ދިވެހިން ފުލުހުން ވެސް މިއަދު މަސައްކަތް ކުރަމުންދަނީ ގާނޫނުގެ "ހުކޫމާތު" ދެމެހެއްޓުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ފުލުހުން މިއަދު މަސައްކަތް ކުރަމުން ދަނީ ގާނޫނުން މަތިކޮށްފައި އޮތް އަދި ގާނޫނުން ދީފައިވާ ޒިންމާތަކެއް ގާނޫނާ އެއްގޮތަށް އަދާ ކުރުމަށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު ފުލުހުންނަށް ދަންނަވާލަން ބޭނުން ވަނީ ތިބޭފުޅުން ތިކުރައްވާ މަސައްކަތުގައި ދެވަނައެއް ނެތޭ. ތިބޭފުޅުން ތި ކުރައްވާ މަސައްކަތަކީ ގައުމީ ހިދުމަތުގައި އެންމެ ރަންވަނައިގައި ފާހަގަކުރެވޭ މަސައްކަތޭ. މަސައްކަތް ކުރާއިރު ޖަވާބުދާރީ ވުމާއި އެކީ ގާނޫނުގެ ތެރެއިން ހިންގަވަން މަސައްކަތް ކުރައްވާށޭ. މިސަރުކާރުގައި ގާނޫނުގެ ބާރު ހިނގާނެ." ރައީސް ޔާމީން ވިދާޅުވި އެވެ.