ސައިކަލްގެ ޑިއުޓީ އިތުރަށް ބޮޑުނުކުރާން ނިންމާފައިވާއިރު ގާމެންޓްސްގެ ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު 'ސަން' އަށް ވިދާޅުވީ ކުރިން 100 ޕަސެންޓުން 150 ޕަސެންޓަށް ޑިއުޓީ ބޮޑުކުރަން ނިންމާފައިވާ ސައިކަލްގެ ޑިއުޓީ ބޮޑުނުކުރާން ނިންމާފައިވާ ކަމަށެވެ. ހަމައެހެންމެ ކުރިން 15 ޕަސެންޓް ނަގަމުން އައި ގާމެންޓްސް އިން ޑިއުޓީ ނުނަގަން ނިންމާފައިވާ ކަމަށް މިނިސްޓާ ވިދާޅުވިއެވެ.

"މިހާރު ގާމެންޓްސް ޒީރޯއަށް މިހެދީ، ދެން ސައިކަލަށް މިހާރު (ޑިއުޓީ) މިއިންގޮތަށް މިހެދީ." މިނިސްޓަރު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ސައިކަލާއި ގާމެންޓްސް އަށް އިތުރު ކުރަން ނިންމި ޑިއުޓީ ކުޑަ ކުރެވުނަސް ސަރުކާރުގެ ބަޖެޓަކަށް އެއްވެސް ލޮޅުމެއް ނާންނާނެ ކަމަށެވެ. އަދި ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫއުތަށް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަސްޓަމުސް އިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު އަންނަ މަހުން ފެށިގެން 11 ބާވަތަކުން ޑިއުޓީއަށް ބަދަލު އާދެ އެވެ.

އަލަށް އަންނަ ބަދަލާ އެކު 900 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރާ އިރު ކަސްޓަމްސްގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މި އަހަރު ރާއްޖެ އަށް އެތެރެކުރާނެ ކަމަށް ބެލެވޭ މުދަލުގެ ތެރެއިން 67 ޕަސެންޓް މުދަލުން އެކި ރޭޓްތަކުގައި އިމްޕޯޓް ޑިއުޓީ ނަގާނެ ކަމަށެވެ. ހަމަ އެއާ އެކު ރާއްޖެ އެތެރެކުރާ މުދަލުގެ 33 ޕަސެންޓުން ޑިއުޓީ ނެގޭނީ ސުން ރޭޓުން ކަމަށާއި އެބާވަތުގެ މުދަލުގެ އަގު 10 ބިލިއަނަށް އަރާ ކަމަށް ވިދާޅުވި އެވެ.