އަލަށް އިންތިހާބުވެފައިވާ ކައުންސިލަރުންގެ ހުވާކުރެއްވުން އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހޯމް މިނިސްޓްރީން ހަމަޖައްސައި އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ދާއިމީ ނަތިޖާ އިއުލާންކޮށްފައިވާ ރަށްރަށާއި އަތޮޅުތަކާއި ދެ ސިޓީ ކައުންސިލްގެ ކައުންސިލަރުންގެ ހުވާކުރެއްވުން މި މަހު 26 ވާ ހޮނިހިރު ދުވަހު ހެނދުނު 9:00 ޖަހާއިރު ހުރިހާ ރަށަކާއި އަތޮޅުތަކާއި ދެ ސިޓީގައި އޮންނާނެ ކަމަށެވެ.

މާލޭގެ ސިޓީގެ ކައުންސިލަރުން ހުވާކުރެއްވުން މާލޭގައި އޮންނައިރު އައްޑޫ ސިޓީ ކައުންސިލަރުން ހުވާކުރެއްވުން އޮންނާނީ ސ. ހިތަދޫގައި ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ. އަދި އަތޮޅުތަކުގެ ކައުންސިލަރުން ހުވާކުރެއްވުން އޮންނާނީ އެ އަތޮޅެއްގެ ވެރިކަން ކުރާ ރަށެއްގައި ކަމަށާއި ރަށު ކައުންސިލަރުން ހުވާކުރެއްވުން އޮންނާނީ އެ ކައުންސިލެއް ނިސްބަތްވާ ރަށެއްގައި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ ކައުންސިލަރުން ހުވާ ކުރައްވާ އިރު ވީހާ ވެސް ގިނަ ރައްޔިތުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވުމަކީ އެ މިނިސްޓްރީގެ އެދުމެއް ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ފަސް ދާއިރާއެއްގެ ވޯޓު އެއްވަރުވުމުން އަލުން އިންތިހާބު ބޭއްވުމަށް އިލެކްޝަންސް އިން ވަނީ ނިންމައިފަ އެވެ. އެގޮތުން ހދ. ކުމުންދޫ، ބ. ކިހާދޫ، މ. ވޭވަށް، ގއ. ކޮލަމާފުށީ އަދި ހަތް ކައުންސިލަރުން ހޮވަން ޖެހޭ ރ. ދުވާފަރު ކައުންސިލުން އެއްވަރުވި ކެންޑިޑޭޓުންގެ މެދުގައި އަންނަ މާޗް މަހުގެ 12 ވަނަ ދުވަހު އަލުން އިންތިހާބު ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

އަދި ހައިކޯޓުން ވަނީ ހއ. ކެލާގެ ދާއިމީ ނަތިޖާ އިއުލާން ކުރުން ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފަ އެވެ.