ކޮލެޖްގެ ދަށަށް ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ ދިއުމަކީ ގެއްލުން ހުރި ކަމެއް ނޫން ކަމުގައި އަދާލަތު ޕާޓީން ބުނެފި އެވެ.


އަދާލަތު ޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކޮލެޖްގެ ދަށަށް ކުއްލިއްޔާ ދިއުމާ ގުޅިގެން ރައްޔިތުންގެ މެދުގައި ތަފާތު ހިޔާލުތައް އުފެދިފައިވުމާއެކު މި މައްސަލައަކީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި ބަހުސްކުރަން މުހިންމު މައްސަލައެއް ކަމަށް ފެނިގެން އެ މައްސަލައިގައި ރޭ ބަހުސްކޮށް، ގޮތެއް ނިންމާފައިވާ ކަމަށެވެ. އަދި އެ މަޖިލީހަށް ހުށަހެޅި ތިން ހިޔާލު ވެގެންދިޔައީ ހޫނު ގަދަ، ދިގު ބަހުސަކަށް ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ. އެގޮތުން އެންމެ ފުރަތަމަ ހުށަހެޅުނު ހިޔާލަކީ ކޮލެޖްގެ ދަށަށް ކުއްލިއްޔާ ބަދަލުވެގެން ދިއުމަކީ ގެއްލުން ހުރި ކަމެއް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުއްލިއްޔާ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށާއި ކުރީގެ ސަރުކާރުން ވެސް ކުއްލިއްޔާ ކޮލެޖްގެ ދަށަށް ގެންދިއުމުގެ ވިސްނުމެއް ގެންގުޅެފައިވާ ކަމަށާއި، ނަމަވެސް އެއިރު އެކަން ވަކި ބައެއްގެ މިލްކެއްގެ ގޮތުގައި ހެދުމަށް ކަންތައްތައް ހިންގާފައިވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


އެ މަޖިލީހުގެ ބައެއް މެންބަރުންގެ ހުށަހެޅުއްވި ދެވަނަ ހިޔާލަކީ އެކަމުގެ ސަބަބުން އިސްލާމީ ތައުލީމަށް ހަނިކަމެއް އަތުވެދާނެކަމުގެ ބިރު އެބައޮތް ކަމާއި މި ބަދަލަކީ ކުއްލިއްޔާގެ ޝަހްސިއްޔަތު ގެއްލިގެންދިޔަ ބަދަލެއް ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ. އަދި މިކަމާ ދެކޮޅަށް މަސައްކަތްކޮށް ކުއްލިއްޔާ މުސްތަޤިއްލުކޮށް ހުރުމުގެ ފުރުސަތު ހޯދުމަށް އަދާލަތުޕާޓީގެ ފަރާތުން މަސައްކަތްކުރަންޖެހޭނެ ކަމުގައި ވެސް ބައެއް މެންބަރުން ވިދާޅުވި ކަމަށް އެ ބަޔާނުގައިވެ އެވެ.


ތިން ވަނަ އަށް ހުށަހެޅިގެން ދިޔަ ހިޔާލަކީ ރައްޔިތުންގެ މަޖިލީހުގައި ޤައުމީ ޔުނިވާސިޓީގެ ބިލް އޮއްވާ، އަދި ކުއްލިއްޔާގެ ކަންތަކުގައި ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރެވެމުން ދަނިކޮށް ރައްޔިތުންގެ މަޖްލީހުން ގޮތެއް ނިންމުމުގެ ކުރީން ސަރުކާރުން ކުއްލި ގޮތަކަށް އެ ބަދަލު ގެނައުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައިވެސް ބައެއް މެންބަރުން ވިދާޅުވި އެވެ. އަދި މިކަމުގައި ރައްޔިތުންގެ މަޖިލީހުންގެ ނިންމުމަކަށް އިންތިޒާރުކުރުމަށް ސަރުކާރަށް ދެންނެވުމަށް ވެސް އެ ރައުޔުގެ ބޭފުޅުން ތާއީދުކުރެއްވި ކަމަށްވެސް އެބާޔާނުގައިވެ އެވެ.


އަދާލަތު ޕާޓީގެ ޤައުމީ މަޖިލީހުގައި އެ ހުށަހެޅުންތަކަށް ވޯޓަށް އެހުމުން އަޣްލަބިއްޔަތުން ފާސްވީ ފުރަތަމަ ހުށަހެޅުމަށް ކަމަށާއި އެއީ ކުއްލިއްޔާ ކޮލެޖްގެ ދަށަށް ގެންދިއުމަށް ގެނެސްފައިވާ ބަދަލު ކަމަށާއި އެބަދަލަކީ ހެޔޮ ބަދަލަކަށް ހެދުމަށް ކުރެވެން ހުރިހާ ކަމެއް ކުރުމަށްވެސް އެމެންބަރުން ނިންމާފައިވާ ކަމަށްވެސް އެބަޔާނުގައިވެ އެވެ.