29 Mar 2015, 16:08
ރާޢްޖެއިން އެތެރެ ކުރާ އަދި ބޭރުކުރާ ފައިސާގެ އަދަދަކީ 30،000 ޑޮލަރަށްވުރެ މަތީ އަދަދެއްނަމަ ކަސްޓަމްސްގައި ޑިކްލެއާ ކުރަން ޖެހޭނެ ގޮތަށް ހަމަޖައްސައިފި އެވެ.
ކަސްޓަމުސްގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ މަނީ ލޯންޑްރިންގް އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރާއްޖެ އެތެރެކުރާ ނުވަތަ ބޭރުކުރާ ފައިސާގެ އަދަދަކީ ޑޮލަރުން 30،000 އަށް ވުރެ މަތީ އަދަދެއްނަމަ ކަސްޓަމުސްގައި ޑިކްލެއާ ކުރަން ޖެހޭނެ ކަމަށެވެ.
"އެއީ ހުއްދަ ނެގުމެއް ނޫން، މިކޮޅުގައި ވެސް އެއާޕޯޓްގައި ވެސް ހުންނާނެ ފޯމް، އެފޯމުގައި ހަމައެކަނި ޑިކްލެއާ ކުރަން ޖެހޭނީ ހަމައެކަނި،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް ބަދަލު ގެނައުމުގެ މަގުދަސަކީ ރާއްޖެއިން ބޭރުވާ އަދި އެތެރެކުރާ ފައިސާ އަކީ މޮނީޓާ ކުރެވޭ އަދަދުތަކަކަށް ހެދުން ކަމަށެވެ.
ގައުމުތަކަށް ފައިސާ އެތެރެ ކުރާ މިންވަރާއި ބޭރުކުރާ މިންވަރު ދެނެގަތުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އަމަލު ކުރާ އުސޫލެކެވެ. އެގޮތުން ސިންގަޕޫރުގައި 20،000 ސިންގަޕޫރު ޑޮލަރަށްވުރެ ބޮޑު އަދަދެއްނަމަ ޑިކްލެއާ ކުރަންޖެހޭއިރު އޮސްޓުރޭލިއާގައި 10،000 އޮސްޓުރޭލިއާ ޑޮލަރު ނަމަ ޑިކްލެއާ ކުރަންޖެހެއެވެ.