29 Mar 2015, 15:01
ކުޅިވަރުގެ ރޫހާ ޚިލާފުވެފައިވާތީ، ސެންޓް ސްޕޯޓްސް ކްލަބްގެ ކޯޗާއި، ވީބީ އައްޑޫ އެފްސީގެ ކުޅުންތެރިއަކަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަދަބު ދީފި އެވެ.
ސެންޓް ސްޕޯޓްސް ކްލަބްގެ ކޯޗް އަޙްމަދު ނިޝާމް، 7 މެޗަށް ސަސްޕެންޑްކޮށް 5000 ރުފިޔާއިން އޭނާ ޖޫރިމަނާ ކުރުމަށް އެފްއޭއެމުން ވަނީ ނިންމާފައެވެ.
ނިޝާމް ޖޫރިމަނާކޮށް ސަސްޕެންޑް ކުރުމަށް ނިންމީ، 3 ވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތުގައި ސެންޓް ސްޕޯޓްސް ކްލަބާއި ޕޮލިސް ކްލަބް ބައްދަލުކުރި މެޗް ނިމިފައިވަނިކޮށް، އޭނާ ދަނޑަށް އަރައި މެޗްގެ ރެފްރީ ގައިގައި ޖަހައި ރެފްރީ އާއި ހަޑިހުތުރު ބަހުން މުޙާތަބް ކުރި މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ބެލުމަށްފަހު، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 33 ވަނަ މާއްދާއާއި 37 ވަނަ މާއްދާ އަށް ރިޢާޔަތްކޮށް ޑިސިޕްލިނަރީ ކޮމެޓީގެ މެމްބަރުންގެ އިއްތިފާޤުން ނެވެ.
މީގެ އިތުރުން އެފްއޭއެމުން އަދަބު ދީފައި ވަނީ ވީބީގެ އިސްމާޢިލް ޝަހުދު ޢަލީއަށެވެ.
އެފްއޭއެމުން ބުނީ 2014 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވީބީ އައްޑޫ އެފްސީއާއި ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި ވީބީގެ އިސްމާއީލް ޝަހުދު، ތަކުރާރުކޮށް އެ މެޗުގެ ރެފްރީއަށް ހަޑިހުތުރު ބަހުން މުޢާމަލާތްކޮށްފައިވާތީ، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 42 ވަނަ މާއްދާއާއި އެމާއްދާގެ ށ. އަށް ރިއާޔަތްކޮށް އޭނާ ހަތަރު މެޗަށް ސަސްޕެންޑް ކޮށް 1000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ސެންޓް ސްޕޯޓްސްގެ ކޯޗް ނިޝާމްއާއި ވީބީގެ ޝަހުދު އެފްއޭއެމަށް ދައްކަން ޖެހޭ ފައިސީ މިއަދުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި އެ އެސޯސިއޭޝަނަށް ދައްކަން ޖެހޭނޭ ކަމަށްވެސް އެފްއޭއެމުން ބުންޏެވެ.